އިނގިރޭސި ވިލާތުގައި ތައާރަފުކުރަން ރާވާފައިވާ ޑިޖިޓަލް އައިޑީ ސްކީމް ހުއްޓާލަން ނިންމަވާފައިވާ ކަމަށް، ބޮޑުވަޒީރުކަމާ އަލަށް ހަވާލުވެ ވަޑައިގަންނަވާ އެންޑީ ބާންހަމްގެ ތަރުޖަމާނަކު ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.
ބާންހަމް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެކަން ރަސްމީކޮށް ކަށަވަރުވީ ހުކުރު ދުވަހު އެވެ. އެ ދުވަހު ބޭއްވި ޕާޓީގެ ހާއްސަ ކޮންފަރެންސެއްގައި އޭނާ ވަނީ ވެރިކަންކުރާ ލޭބާ ޕާޓީގެ އާ ލީޑަރުގެ ގޮތުގައި ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
ހޯމަ ދުވަހު މަގާމުން ވަކިވެވަޑައިގަންނަވާ ލޭބާ ޕާޓީގެ ބޮޑުވަޒީރު ކިއާ ސްޓާމާ މި ޕްލޭން އިއުލާން ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެއީ ގަވާއިދާ ހިލާފަށް އެތެރެވާ މީހުން ހުއްޓުވުމުގެ މަގްސަދުގަ އެވެ. ނަމަވެސް، އައިޑެންޓިޓީ ކާޑު ހެދުމާ ދެކޮޅު ހެދުމުގެ ދިގު ތާރީހެއް އޮތް އިނގިރޭސިވިލާތުގައި މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުމާއި ދެކޮޅުވެރިކަން އުފެދުނެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި، ގައުމީ އައިޑީ ސްކީމަކަށް ހޭދަކުރަން އޮތް ހުރިހާ ވަގުތަކާއި ވަސީލަތްތައް ދެން ބޭނުންކުރާނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުން ފަދަ، އެންމެ މުހިންމު ކަންކަމަށެވެ.
ލޭބާ ޕާޓީގެ ބާންހަމް ވެރިކަމާ ހަވާލުވެ ވަޑައިގަންނަވަނީ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ރައްޔިތުންގެ މެދުގައި މަގްބޫލުކަން އެންމެ ކުޑަވި ބޮޑުވަޒީރުންގެ ތެރޭގައި ސްޓާމާ ހިމެނުމަށް މެދުވެރިވި ސަބަބެކެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް ވަރަށް ބޮޑަށް އުފުލުމުގެ ސަބަބުން އާންމުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، އިގްތިސާދު ކުރިއެރުވުމަކީ ބާންހަމްގެ އެންމެ އިސް އަމާޒެވެ.
ޑިޖިޓަލް އައިޑީ ސްކީމް އުވާލި ނަމަވެސް، ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރާ ފަރާތްތަކާ ދެކޮޅަށް ސްޓާމާ ފެއްޓެވި މަސައްކަތްތައް އާ ސަރުކާރުން ވެސް ހަރުދަނާކަމާ އެކު ކުރިއަށްގެންދާނެ ކަމަށް ބަޔާނުގައި ތަރުޖަމާނުގެ ބަޔާނުގައިވެ އެވެ. ބަޔާނުގައި ބުނެފައިވަނީ، ވަޒީފާދޭ ހުރިހާ ފަރާތްތަކުން މަސައްކަތްތެރިންގެ "ރައިޓް ޓު ވޯކް" ޗެކްކުރުން މަޖުބޫރު ވާނެ ކަމަށާއި، މިހާރު ވެސް ޑިޖިޓަލްކޮށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
ސްޓާމާ ކުރިން ރާވާފައިވަނީ 2029 ވަނަ އަހަރާ ހަމައަށް އައިޑީ ކާޑު ތައާރަފުކުރުމަށެވެ. އަދި އެއީ މަޖުބޫރު ކާޑަކަށް ނުވި ނަމަވެސް، ވަޒީފާ އަދާކުރުމުގެ ހުއްދަ އޮތްކަން ސާބިތުކޮށްދިނުމަށް އެ ކާޑު ބޭނުންވާނެ އެވެ. ނަމަވެސް ފަހުން އޭނާގެ ސަރުކާރުން ވަނީ ވަޒީފާގެ ކަންކަމުގައި އެ ކާޑު ބޭނުންކުރުން މަޖުބޫރުކުރުމަށް ނިންމި ނިންމުން ބަދަލުކޮށްފަ އެވެ.
މި ޑިޖިޓަލް އައިޑީ ޕްރޮގްރާމް ތިން އަހަރު ދުވަހުގެ ތެރޭގައި ހިންގުމަށް 1.8 ބިލިއަން ޕައުންޑް ހަރަދުވާނެ ކަމަށް ލަފާކޮށްފައި އޮތެވެ.
އިނގިރޭސިވިލާތުގެ ސިޔާސީ ނިޒާމު އޮންނަ ގޮތުން ވެރިކަންކުރާ ޕާޓީގެ ލީޑަރަކަށް ހޮވޭ ބޭފުޅަކަށް ބޮޑުވަޒީރުކަން ކަށަވަރުވެ އެވެ. ބާންހަމް ރަސްމީކޮށް ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު އެވެ. އެ ދުވަހު ބޮޑުވަޒީރު ސްޓާމާ ރަސްގެފާނު ޗާލްސްއަށް އިސްތިއުފާ ހުށަހެޅުއްވުމުން، އާ ސަރުކާރު އެކުލަވާލުމުގެ ބާރު ބާންހަމްއާ ރަސްގެފާނު ހަވާލުކުރައްވާނެ އެވެ.
ޔޫކޭގެ ބޮޑުވަޒީރުކަމަށް ބާންހަމް؛ ފުރަތަމަ އިއުލާނުކުރެއްވީ ޑިޖިޓަލް އައިޑީ ކާޑު ސްކީމް ހުއްޓާލަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ