މިދިޔަ ހަފުތާގައި އަލިފާނުގެ 12 ހާދިސާ ހިނގާފައިވޭ: އެމްއެންޑީއެފް

މިދިޔަ ހަފުތާ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 23 ހާދިސާއަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް، އެފްއާރްއެސްއިން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިނގާފައިވާ ހާދިސާތަކާ ގުޅޭގޮތުން އެމްއެންޑީއެފްއިން އާންމުކުރެއްވި އެންމެފަހުގެ ތަފާސް ހިސާބުތަކުގައެވެ.
އެމްއެންޑީއެފުން އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެންމެ ގިނައިން ހިނގާފައިވަނީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން އަލިފާނުގެ 12 ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މީގެއިތުރުން، ބަލި މީހުން އުފުލުމަށް ކުރިއަށްގެންދިޔަ މެޑިކަލް އިވޭކިއޭޝަންގެ ހަތަރު ހާދިސާއަކާއި، ނުރައްކާތެރި މާއްދާއެއް އެކުލެވޭ ހެޒްމަތު ހާދިސާގެ އިތުރުން ރެސްކިއު އޮޕަރޭޝަނެއްގައި އެފްއާރްއެސްއިން ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެހެނިހެން ބާވަތުގެ އެއް ހާދިސާވެސް މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކަމަށެވެ. މިއާއިއެކު މިމުއްދަތުގެ ތެރޭގައި ޖުމުލަ 23 ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެެވެ.
މި ހާދިސާތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން މިދިޔަ ހަފުތާގައި ހާދިސާތައް ހިނގާފައިވަނީ މާލެ ސަރަހައްދުގައި ކަމަށްވާތީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޖުމުލަ 16 ހާދިސާގައި ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން، ސެންޓްރަލް އޭރިއާ ކޮމާންޑާއި، ސަދަން އޭރިއާ ކޮމާންޑުން ކޮންމެ ސަރަހައްދެއްގައި ހިނގި ތިން ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ. އަދި ނޯދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައިވަނީ، އެއް ހާދިސާގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކުއްލި ނުރައްކަލުގެ މިފަދަ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަންނަނީ، ހުއްޓުމެއްނެތި ރެޔާއި ދުވާލު ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފްއިން ފާހަގަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ