ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން، ޖޫން މަހު 265 މައްސަލަ ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް އެ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ، މެއި މަހު އެއޮފީހުން ދައުވާ ކުރަން ކޯޓަށް ހުށަހެޅި މައްސަލަތަކަށް ވުރެ އިތުރު އަދަދެކެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ، އެ އޮފީހުގެ ޖޫން މަހުގެ މަސައްކަތްތަކުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެއޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫން މަހު އެއޮފީހަށް ބަލައިގަތް މައްސަލަތަކުގެ އަދަދު އޭގެ ކުރީ މަހާއި އަޅާބަލާއިރު ވަނީ، 59.4 އިންސައްތަ އިތުރުވެފައެވެ. ޖޫން މަހު 228 މައްސަލަ ބަލައިގަނެފައިވާއިރު، މެއި މަހު އެއޮފީހުން ބަލައިގަނެފައިވަނީ 228 މައްސަލައެވެ.
މިދިޔަ މަހު އެންމެ ބޮޑަށް އިތުރުވެފައިވަނީ، ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ތަހުޤީޤީ އިދާރާތަކަށް މައްސަލަތަކުގައި ލަފާދިން މިންވަރެވެ. މެއި މަހު 447 މައްސަލައެއްގައި ޕީޖީ އޮފީހުން ލަފާދީފައިވާއިރު، ޖޫން މަހު 683 މައްސަލައެއްގައި ލަފާދީފައިވެއެވެ. މިއީ، 52.7 އިންސައްތަ އިތުރުވުމެކެވެ.
މިއާއެކު ޕީޖީ އޮފީހުން ދައުވާކުރަން ނިންމައި މިދިޔަ މަހު ކޯޓަށް 265 މައްސަލަ ހުށަހަޅާފައެވެ. އެއޮފީހުން މެއި މަހު ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ، 263 މައްސަލަ ކަމަށް ޕީޖީ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ދައުވާކުރާ މައްސަލަތައް އިތުރުވިއިރު އެ އޮފީހުން ދައުވާތަކުގައި ކޯޓަށް ހާޒިރުވި މިންވަރުވެސް އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރެވެ. މެއި މަހު 1150 މައްސަލައިގެ އަޑު އެހުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހާޒިރުވެފައިވާއިރު، ޖޫން މަހު 1207 މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް އެއޮފީހުން ވަނީ ހާޒިރުވެފައެވެ.
ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މަސައްކަތްތައް ހަރުދަނާކޮށް، އަވަސް ކުރުމަށް އެއޮފީހުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ބައެއް ކަހަލަ މައްސަލަތަކުގައި ތަހުޤީޤީ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއޮފީހުން ވަނީ، ޕްރޮސެކިއުޝަން ޓީމުތަކެއް އެކުލަވާލާފައެވެ. އަދި އިދާރާތަކާއި ގުޅިގެން މައްސަލަތައް ހުށަހެޅޭއިރު، ދައުވާ ކުރުމަށް ހުންނަ ހުރަސްތައް ނައްތާލުމަށްވެސް އެއޮފީހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޕީޖީން ދައުވާކުރަން ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ