ސާހިލަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާވެސް އިސްތިއުނާފަށް

އަނިޔާވެރިގޮތަކަށް ގެއެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި އަލީ ސާހިލުގެ މައްޗަށް އިއްވި ތިން އަހަރު ޖަލު ހުކުމް އިސްތިއުނާފް ކުރަން އަނެއްކާވެސް ހައި ކޯޓަށް އޭނާ ހުށަހަޅައިފި އެވެ.
މައްސަލައިގެ ފެށުން - ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި ޝިއާއު، 22، ވަރަށް ރަހުމުކުޑަކޮށް މަރާލާފައި އޮއްވާ ފެނުނީ 6 އޮގަސްޓް 2022ގަ އެވެ. ހަމަ އެ ރޭ، އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ ސާހިލް، ފިނިފެންމާގޭ/ފ. ނިލަންދޫ ކުށުގެ ވެށިން ހައްޔަރުކުރި އެވެ. 
ޝިއާއު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލާގައި ޝާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުން
އޮރިޔާން ކާޑު ގެންގުޅުން
ކެނެބިސް ބޭނުންކުރުން
ސިއްރުކޮށްފައިވާ ދެ ދައުވާއެއް
މީގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެ، މިދިޔަ އެޕްރީލް މަހު އޭނާގެ މައްޗަށް ވަނީ 3 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ތަފްސީލް - މި ހުކުމް އިސްތިއުނާފް ކުރަން މީގެ ކުރިން ވެސް ސާހިލުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އެވެ. އެކަމަކު، ލިޔެކިއުންތައް ފުރިހަމަނުވާތީ އެފަހަރު މައްސަލަ ބަލައިގަތްފައެއް ނުވެ އެވެ.
މި މައްސަލަ އިސްތިއުނާފު ކުރަން އަނެއްކާވެސް އޭނާ ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. މައްސަލަ ބަލައިގަތުމާ މެދު އަދި ކޯޓުން ގޮތެއް ނުނިންމަ އެވެ.
އެނގުން މުހިންމު - ސާހިލުގެ މައްޗަށް އޮތް ބާކީ ދައުވާތަކުގެ ޝަރީއަތް މިވަގުތު އޮތީ ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާގަ އެވެ. މި އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
އެއްވެސް ދައުވާއަކަށް ސާހިލު އިއުތިރާފުވެފައެއްނުވެ އެވެ. މައްސަލަ ދިގުލައިގެން ގޮސްފައިވަނީ ވެސް ފުރަތަމަ ކޮޅުގައި އޭނާގެ ވަކީލުންނާ ވެސް އެއްވެސް ވަރަކަށް ވާހަަކަ ނުދައްކައިގެންނެވެ. ދައުލަތުން އެކި ފަހަރުމަތިން ވަކީލުން ހަމަޖައްސައިދިން ނަމަވެސް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭތީ އިތުރަށް ވަކީލުން ހަމަޖައްސައިނުދޭން ފަހުން ނިންމި އެވެ.
ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދެއްކި ގޮތުގައި، ޝިއާއު މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ