ވައިގެ މަގުން ކިލޯއަކަށްވުރެ ގިނަ ޑްރަގް އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ވައިގެ މަގުން ކިލޯއަކަށްވުރެ ގިނަ ޑްރަގް އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ. 
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ޖަމައިކާއަށް ނިސްބަތްވާ އެންޑްރޫ ލޮއިޑް ކޯބިން، 53 އާއި ނ. ޅޮހި، އިބްރާހިމް އަތޫފް، 20 ގެ އިތުރުން އިތުރު ދިވެއްސެކެވެ. 
ފުލުހުން ބުނީ އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކުރީ މިދިޔަ އާދީއްތަ ދުވަހު ވައިގެ މަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ކަމަށެވެ. 
މައްސަލައާ ގުޅިގެން އިބްރާހިމް އަތޫފް އާއި ދެން ހިމެނޭ ދިވެހި މީހާ ހައްޔަރުކުރީ ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހޯމަ ދުވަހު އެވެ. 
ހައްޔަރުކުރި ތިން މީހުންގެ ބައްދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެންޑްރޫ ލޮއިޑް ކޯބިންއާއި އިބްރާހީމް އަތޫފްގެ ބަންދަށް 15 ދުވަސް ޖަހައި، ދެން ހައްޔަރުކުރި ދިވެހި މީހާ ޝަރުތުކުރުމަށްފަހު ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ