މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމު މިންވަރަށް ވުރެން ހޫނުގަދަ

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ އާންމު މިންވަރަށް ވުރެން ހޫނުގަދަވެފައެވެ. މެޓް އޮފީހުން މިއަދު ހެނދުނު 11:00 ގައި އާންމުކުރި "ފީލްސް ލައިކް ޓެމްޕަރޭޗާ" ނުވަތަ އިހުސާސްކުރެވޭ ހޫނުމިނުގެ މައުލޫމާތަށް ބަލާއިރު، މާލެ އަދި ގދ. ކާޑެއްދޫގެ ހޫނުމިން ހުރީ 37.8 ޑިގްރީ ސެލްސިއަސްގައެވެ. މިއީ އާދައިގެ މިންވަރަކަށް ހޫނުގަދަ ނުވަތަ "ލޯ ހީޓް ސްޓްރެސް" ގިންތީގެ ހޫނުމިނެކެވެ. މީގެ އިތުރުން ލ. ކައްދޫގެ ހޫނުމިން ވެސް 37.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އެ ރަށް ވެސް ހިމެނެނީ ހަމަ މި ގިންތީގައެވެ. ހޫނު ގަދަ ދުވަހެއްގައި ބަޔަކު އަވިން ސަލާމަތް ވުމަށް ކުޑަ އާއި ފޮށިތަކެއް ހިފައިގެން--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މެޓް އޮފީހުން ބުނި ގޮތުގައި 37.0 އިން ފެށިގެން 37.9 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ހޫނުމިނަކީ އާދައިގެ މިންވަރަކަށް ހޫނުގަދަ ކަމަށް ބެލެވޭ މިންވަރެކެވެ. މެޓް އޮފީހުން އާންމުކޮށްފައިވާ މިންގަނޑުތަކަށް ބަލާއިރު، 39.0 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިއުމުން ބެލެވެނީ "ވަރަށް ހޫނުގަދަ" ނުވަތަ ސްޓްރޯންގް ހީޓް ސްޓްރެސްގެ ގޮތުގައެވެ. އަދި 38.0 އާއި 38.9 އާ ދެމެދަކީ "ހޫނުގަދަ" ނުވަތަ މޮޑަރޭޓް ހީޓް ސްޓްރެސްއެވެ. މިއަދު ރާއްޖޭގެ އެއްވެސް ސަރަހައްދެއް މި ދެ ގިންތިއަށް ގޮސްފައި ނުވި ނަމަވެސް، މާލެއާއި ކާޑެއްދޫ އަދި ކައްދޫ ހިމެނެނީ އޭގެ ދަށް ގިންތީގައެވެ. ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ ބައެއް ހިސާބުތަކަށް ހޫނުގަދަވި ނަމަވެސް، އެންމެ އުތުރާއި އެންމެ ދެކުނުގެ ހޫނުމިން ހުރީ އާދައިގެ ގޮތެއްގައެވެ. އެގޮތުން ހދ. ހަނިމާދޫގެ ހޫނުމިން 36.9 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ސ. ގަމުގެ ހޫނުމިން ހުރީ 31.7 ޑިގްރީ ސެލްސިއަސްގައެވެ. މެޓް އޮފީހުން ބުނި ގޮތުގައި އިހުސާސްކުރެވޭ ހޫނުމިން ނުވަތަ ހީޓް އިންޑެކްސް ހިސާބުކުރަނީ އަސްލު ހޫނުމިނާއި، ވައިގެ ތެތްކަމާއި، ވައި ޖެހޭ ބާރުމިނަށް ބިނާކޮށެވެ. ވައިގެ ތެތްކަން މަތިވުމުގެ ސަބަބުން ދާހިއްލައިގެން ހަށިގަނޑު ފިނިކުރުމަށް ހުރަސްއެޅި، އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދެއެވެ. މިފަދަ ދުވަސްވަރުގައި އިރުގެ އަވީގައި ގިނަ ވަގުތު އުޅުމަކީ ސިއްހީ ގޮތުން ނުރައްކާތެރި ކަމަކަށް ވެދާނެތީ، ކަމާބެހޭ ފަރާތްތަކުން އާންމުކޮށް އިރުޝާދު ދެނީ ގިނައިން ފެން ބުއިމަށާއި ހިޔާ ތަންތަނުގައި މަޑުކުރުމަށެވެ. ހޫނުގަދަވުމުގެ ސަބަބުން ޑީހައިޑްރޭޓްވުމާއި، ބޮލުގައި ރިއްސުމާއި، ވަރުބަލިވުން ފަދަ މައްސަލަތައް ދިމާވުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ