އައިޖީއެމްއެޗުގައި ނިއުކްލިއިކް އެސިޑު ޓެސްޓިން ހަދަން ފަށައިފި

ރާއްޖޭގައި ނިއުކްލިއިކް އެސިޑު ޓެސްޓިން ހަދަން އައިޖީއެމްއެޗްގައި މިއަދު ފަށައިފި އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޓެކްނޮލޮޖީގައި ހެޕަޓައިޓިސް ބީ، އެޗްއައިވީ އަދި ހެޕަޓައިޓިސް ސީ ފަދަ ބަލިތައް އާދައިގެ ޓެސްޓިންނަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަގީންކަމާއެކު ދެނަގަނެވޭނެ ކަމަށެވެ.
އެ ޓެސްޓިންގައި ބޭނުންކުރަމުން އަންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. 
އޭނާ ވިދާޅުވީ އެއީ ލޭގެ ހިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިއުމަށް އެޅި މުހިއްމު ގައުމީ އަދި ތާރީހީ މަސައްކަތެއްގެ ފެށުން ކަމަށެވެ.
"މި ހިދުމަތް ތައާރަފްކުރެވިގެން ދިއުމަކީ ސިއްހީ ދާއިރާ ހަރުދަނާކުރުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ވައުދުފުޅުތަކާ އެއްގޮތަށް ލޭގެ ހިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިއުމަށް އެޅުނު މުހިއްމު ގައުމީ އަދި ތާރީހީ މަސައްކަތެއްގެ ފެށުމެވެ،" ހަލީމްގެ ސޯޝަލް މީޑިއާ ޕޯސްޓުގައިވެ އެވެ.
ނިއުކްލިކް އެސިޑު ޓެސްޓަކީ ހިދުމަތުގެ ގައުމީ މިންގަނޑުތައް އަދި ކުރިއަށް އޮތް 10 އަހަރަށް ހަދާފައިވާ ތެލެސީމިއާގެ މާސްޓާ ޕްލޭންގައި ކަނޑައަޅާފައިވާ ކަންކަން ހާސިލްކުރަން އެޅި މުހިއްމު ފިޔަވަޅެއް ކަމަށް ހަލީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ