އިންސާނުންގެ ލޮލެކޭ އެއްފަދައިން އަލިކަމަށް އަމިއްލައަށް އެޑްޖަސްޓްވާ މަސްނޫއީ ލޮލެއް އުފައްދައިފި
އާންމުކޮށް މެޝިންތަކަށް މޫނު ދެނެގަތުމާއި، މަގުމަތީގެ ނިޝާންތައް ކިޔުމުގެ އިތުރުން ޑްރައިވަރަކާ ނުލައި ކާރު ދުއްވުމުގެ ޤާބިލުކަން ލިބިފައިވީ ނަމަވެސް، އަލިކަމަށް އަންނަ ކުއްލި ބަދަލުތަކާއެކު ކެމެރާ ސެންސަރުތައް އޮޅުންބޮޅުންވުމަކީ ބޮޑު ގޮންޖެހުމެކެވެ. ގަދަ ހެޑްލައިޓުގެ އަލީގައި ނުވަތަ ފުން ހިޔަނިތަކުގެ ތެރޭގައި އިންސާނުންނަށް ފަސޭހައިން ފެންނަ ތަފްޞީލުތައް ދެނެގަތުމުގައި މިހާރުގެ މެޝިން ސިސްޓަމްތައް ފެއިލްވަނީ، އެ ސިސްޓަމްތައް އެއް މިންގަނޑެއްގެ އަލިކަމަށް ޓިއުންކޮށްފައި ހުންނާތީއެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެމެރިކާގެ ޕެން ސްޓޭޓް ޔުނިވާސިޓީގެ ދިރާސާވެރިން ވަނީ އިންސާނުންގެ ލޮލެކޭ އެއްފަދައިން މާހައުލުގެ އަލިކަމަށް އަމިއްލައަށް އެޖަސްޓްވާ ކުޑަ ޑިވައިސްއެއް އުފައްދާފައެވެ. އެސޯސިއޭޓް ޕްރޮފެސާ ލެރީ ޗެންގް އިސްވެ ހުންނަވައިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި ބޭނުންކޮށްފައިވަނީ އަލި ދެނެގަތުމުގެ އިތުރުން މައުލޫމާތު ރައްކާކޮށް، މާހައުލަށް ބަލައި އަމިއްލައަށް ބަދަލުވުމުގެ ޤާބިލުކަން ލިބިގެންވާ "ފޮޓޯމެމްރިސްޓާ" ނަމަކަށް ކިޔާ އާ ބާވަތެއްގެ ޓެކްނޮލޮޖީއެކެވެ. އިންސާނުންގެ ލޮލުގައި ހުންނަ ރޮޑް އަދި ކޯން ސެލްތަކުގެ ބެލެންސުން އިލްހާމްލިބިގެން އުފެއްދި މި ޑިވައިސް ތައްޔާރުކޮށްފައިވަނީ އަލި ކަރަންޓަށް ބަދަލުކުރާ ޓައިޓޭނިއަމް އޮކްސައިޑާއި ޕެޑޮޓް:ޕީއެސްއެސް ނަމަކަށް ކިޔާ ފްލެކްސިބަލް ޕޮލިމާއެއް ބޭނުންކޮށްގެންނެވެ. އެންމެ 0.5 މިލިމީޓަރުގެ ބޮޑުމިން ހުންނަ މި ޑިވައިސްގެ އެންމެ ޚާއްޞަ ކަމަކީ ވައިގެ ތެރޭގައި ހުންނަ ތެތްކަން ދަމައިގަނެ އަދި ބޭރުކުރުމުގެ މައްޗަށް ބިނާކޮށް އަލިކަމަށް އެޖަސްޓްވުމެވެ. އަނދިރި ތަންތަނުގައި ވައިގެ ތެތްކަން ދަމައިގަތުމުން ކަރަންޓު ދައުރުވާ މިންވަރު އިތުރުވެ، މަޑު އަލީގައި ތަފްޞީލުތައް މާ ސާފުކޮށް ދެނެގަނެވޭއިރު، އަލިގަދަވުމުން އުފެދޭ ހޫނާއެކު ފެން ބޭރުވެ ސެންސިޓިވިޓީ ދަށްކޮށްދީ، ގަދަ އަލީގެ ސަބަބުން ފެނުން ބްލާވުން ހުއްޓުވައިދެއެވެ. https://sun.mv/186203 މި ސިސްޓަމް ޓެސްޓުކުރުމުގެ ގޮތުން ދިރާސާވެރިން ވަނީ 4x4 ގެ ފޮޓޯމެމްރިސްޓާ މެޓްރިކްސްއެއް ނިއުރަލް ނެޓްވޯކަކާ ގުޅާލައިގެން، އަލިކަން ބަދަލުވާ މާހައުލެއްގައި "އެފް" އަކުރު ދެނެގަތުމުގެ ތަމްރީނުތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން އެންމެ ހަތް ތަމްރީނު ރައުންޑަށްފަހު 95 އިންސައްތައަށް ވުރެ މަތީ ދަރަޖައަކަށް އެ އަކުރު ދެނެގަތުމުގައި ސިސްޓަމް ކާމިޔާބުވެފައިވެއެވެ. އިންސާނުންގެ ލޯ އަނދިރިން އަލިކަމަށް އެޖަސްޓްވާން 20 އިން 30 މިނެޓު ނަގާއިރު، މި ޑިވައިސް އިތުރު ސޮފްޓްވެއާ ޕްރޮގްރާމަކާ ނުލައި އެންމެ ސިކުންތުކޮޅެއްގެ ތެރޭގައި އަމިއްލައަށް އެޖަސްޓްވާކަން ދިރާސާ ޓީމުން ފާހަގަކުރެއެވެ. މި އުފެއްދުމުގެ ސަބަބުން އަމިއްލައަށް ދުއްވާ ކާރުތަކުގައި ބޭނުންކުރާ ކެމެރާތަކަށް ހިޔަނިތަކާއި ގަދަ އަލީގެ ތެރޭގައި ހުންނަ އެއްޗެހި މާ ސާފުކޮށް ދެނެގަނެވި، މަގުމަތީގެ ސަލާމަތްތެރިކަން އިތުރުވެގެންދާނެއެވެ. މީގެއިތުރުން ފެކްޓްރީތަކާއި ގުދަންތަކުގައި ބޭނުންކުރާ ރޮބޮޓްތަކަށާއި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވާ އާލާތްތަކުގެ އިތުރުން މެޑިކަލް ޑިވައިސްތަކުގައިވެސް މި ޓެކްނޮލޮޖީ ބޭނުންކުރެވޭނެއެވެ. އަދި އަލިކަމަށް އެޑްޖަސްޓްވުން ހާޑްވެއާގެ ތެރެއިން ސީދާ ހިނގާތީ، ސޮފްޓްވެއާ މެދުވެރިކޮށް މައުލޫމާތު ޕްރޮސެސްކުރުމަށް ހޭދަވާ ކަރަންޓާއި ބާރު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. ނޭޗާ ކޮމިއުނިކޭޝަންސް ޖާނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާއަށް މިހާރު ވަގުތީ ޕޭޓެންޓެއް ހުށަހަޅާފައިވާއިރު، ދިރާސާ ޓީމުގެ ކުރިއަށް ހުރި އަމާޒަކީ ތަފާތު ސެންސަރުތައް އެއް ޕްލެޓްފޯމަކަށް ގުޅާލައިގެން، ފެނުމުގެ އިތުރުން އަތުން ބީހުން ފަދަ އިޙްސާސްތައްވެސް އެއްފަދައިން ދެނެގަނެވޭނެ ފުރިހަމަ ސިސްޓަމެއް އުފެއްދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ