ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކަށްފަހު، ރައްޔިތުން ކަންބޮޑުނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
އިންޑިއާ ހައިކޮމިޝަނަރާ ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު އަމީން އެވެނިއުއިން ނިކުމެވަޑައިގެން ވަގުތާ ދިމާކޮށް، ނޫސްވެރިން ވަނީ އެމަނިކުފާނާ ސުވާލުކުރައްވާފައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު، ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި ތާއީދުކުރާނެ ކެންޑިޑޭޓަކާ މެދު ގިނަބައެއްގެ ހިތުގައި ސުވާލުއުފެދިފައިވާ މި ދަނޑިވަޅުގައި ނޫސްވެރިން ވަނީ ރައީސް ނަޝީދުގެ ނިންމެވުމާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލުކޮށްފައެވެ.
އެހެންނަމަވެސް މި ސުވާލަށް އެމަނިކުފާނު ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކުރެއްވި ސަބަބަކީ ކޮބައިތޯ ނޫސްވެރިން ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ހުރިހާ ހައިކޮމިޝަނަރުންނާ ވެސް ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. އިންޑިއާ ސަފީރާއެކު ވެސް އަދި އެހެން ސަފީރަކާ އެކު ވިޔަސް ބާއްވާ އެއްވެސް ބައްދަލުވުމެއްގައި، އިންތިޚާބާ ގުޅޭގޮތުންނާއި، ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރައްވާކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވިއެވެ.
އެއަށްފަހު ރައީސް ނަޝީދު އެދިވަޑައިގަތީ މިވަގުތުގައި އެއްވެސް ވަރަކަށް ކަންބޮޑުނުވުމަށެވެ. ކަންބޮޑުވެއްޖެނަމަ، (ހާލަތު) ގޯސް ވެދާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު އިންޑިއާ ސަފީރާ ބައްދަލުކުރެއްވިއިރު، ގިނަބައެއްގެ ކަންބޮޑުވުން އޮތްކަމެއްކަމަށްވާ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމަނިކުފާނަށް އެއްވަނަ ނުލިބުނު ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމަކަށް ދެއްވި ފޯން އިންޓަވިއުއެއްގައި ރައީސް ޞާލިހް ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ގެއްލުވާލަން މަސައްކަތް ކުރިކަމަށް ބުނެ ރައްޔިތުންނަށް ގަބޫލު ކުރެވޭ މިންވަރަށް ކެމްޕެއިން ތެރޭގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ނިސްބަތްކޮށް ދޮގު ވާހަކަތަކެއް ފަތުރާފައިވާ ކަމަށެވެ.
ރައީސް ޞާލިހް ވިދާޅުވީ، އެ ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ނަމަވެސް، އެކަން ރައްޔިތުންނަށް އޮޅުންފިލުވައިދޭން މަސައްކަތް ކުރެވިފައި ނެތުމަކީ ވޯޓު މަދުވި ސަބަބެއް ކަމުގައިވުން އެކަށީގެންވާ ކަމަށެވެ. އެކަމަކީ އެންމެ ބޮޑު ޗެލެންޖުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހާމަކުރެވެން ހުރި ހުރިހާ ކަންތައްތަކެއް އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ހާމަކޮށް، އެކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވާނެ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި، ރިޔާސީ ޕްރައިމަރީގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ރައީސް ޞާލިޙާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ސަބަބުން ރައީސް ނަޝީދާއި އެމަނިކުފާނަށް ވަފާތެރި ބޭފުޅުންތަކެއް އުފެއްދި ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް އިން ވަނީ މި އިންތިޚާބުގައި ވާދަކޮށް، ތިންވަނައަށް އެންމެ ގިނައިން ވޯޓު ހޯދި ޕާޓީއަށް ވެފައެވެ.
މިއާއެކު ރައީސް ޞާލިޙަށް އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވުމަށް އޮތް އެންމެބޮޑު ފުރުސަތަކީ، ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯއްދެވުންކަމަށް ސިޔާސީ މަސްރަހުގެ ފުންނާބުއުސް ފަރާތްތަކުން ބުނަމުން އަންނައިރު، އިންތިޚާބުގެ ކުރިން މަޖިލީހަށް ހުށަހަޅާފައިވާ، މަޖިލީހުގެ ރައީސްއާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން އެމްޑީޕީން ވަނީ ނިންމާފައެވެ.
މިއީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ ތާއީދުހޯއްދަވަން ރައީސް ޞާލިޙް އިސްވެ ހުންނަވައި ކުރެއްވި މޮޅު ޕްލޭނެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އިންޑިއާ ސަފީރާ ބައްދަލުކުރެއްވުމަށްފަހު ނަޝީދު އެދިވަޑައިގަތީ ރައްޔިތުން ކަންބޮޑުނުވުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ