އަމިއްލަ ކުންފުނިތަކަަށް ވެސް ސަރުކާރު އޮތީ ދަރާ ވިކިފައި: މެމްބަރު އިމްތިޔާޒު

އަމިއްލަ ކުންފުނިތަކަަށް ވެސް ސަރުކާރު އޮތީ ދަރާވިކިފައިކަމަށް، މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިފަދައިން ވިދާޅުވީ، ސަރުކާރުގެ ކުންފުނި ފެނަކަ ކޯޕަރޭޝަންގެ އެކި ޕްރޮޖެކްތަކުން ކޮންޓްރެޓަރުންނަށް ނުދައްކާ އޮތް އަދަދު، 300 މިލިއަން ރުފިޔާއަށް އަރާކަމަށް ކުންފުނިތަކުގެ ކޮންޓްރެޓަރުން ވިދާޅުވުމުން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.
ސަމާ ބީޗްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނިތަކުން ވަނީ ހުރިހާ ކޮންޓްރެކްޓަރުން އެކައްޗެއް ކިޔައިގެން އެއް ގަލަކައް އަރައިފިނަމަ ރާއްޖޭގެ މުޅި އިގްދިސާދަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެކަމަށް ބުނެފައެވެ. އަދި މިއީ ދެކުނު އޭޝިޔާގައި ހިނގި އެންމެ ބޮޑު ޕޮންޒީ ސްކީމްގެ ގޮތުގައި ވެސް އެފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.
ފެނަކައިން ކުންފުނިތަކަށް ދައްކަަންޖެހޭ ފައިސާ ނުދެއްކުމުން ކުންފުނިތަކުގެ މުވައްޒަފުންނަށް ދެވޭ މުސާރަ ލަސްވުމާއި، މުވައްޒަފުން ކުންފުނިތަކާ ދެކޮޅަށް ދައުވާކުރާ ހާލަތައް ވެސް ދާކަަމަށް ބައެއް ކޮންޓްރެކްޓަރުން ވަނީ ފާހަގަކޮށްފައެވެ.
ކޮންޓްރެކްޓަރުން ވިދާޅުވާގޮތުންނަމަ، މި މައްސަލަ ހައްލު ކުރުމަށް ފެނަކައާ އެތައް ގޮތަކަށް ވާހަކަދެކެވުނު ނަމަވެސް، މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށް ވެއެވެ.
މިކަމަށް އިޝާރާތްކުރައްވައި އިންތި ވިދާޅުވީ، އަމިއްލަ ކުންފުނިތަކަަށް ވެސް ސަރުކާރު އޮތީ ދަރާވިކިފައިކަމަށާއި ދައުރު ނިންމާލަނީ އެފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާކަމަށެވެ.
އިންތި މިފަދައިން ވިދާޅުވެފައިވާއިރު، ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރެއްވި ބައެއް ފަރާތްތަކުންވަނީ ސަރުކާރުގެ ސަބަބުން އާންމު ވިޔަފާރިތައް އިނދަޖެހިފައިވާކަމަށާއި، ފައިސާ ދައުރުވަނީ ސަރުކާރާއި ސަރުކާރު ކުންފުންޏާ ދެމެދު އެކަނިކަމަށް ބުނެ ފާޑުކިޔާފައެވެ. އަދި އާންމު ވިޔަފާރިތަކަށް މިހާ ދަތިކުރި ސަރުކާރެއް ނާންނަކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ފެނަކައަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އާއްމުންގެ ބޮޑެތި ފާޑުކިޔުންތަކާއި ކުރިމަތިލާންޖެހިފައިވާ ކުންފުންޏެކެވެ. އެގޮތުން އިންތިހާބާ ދިމާކޮށް ވަޒީފާ ބެހުން ފާހަގަކޮށްލެވެއެވެ. މިފަހުން ވެސް ޓާމިނަލް ކެފޭ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ ތުހުމަތުގައި ދައުވާކުރާ އެންމެންނަކީ މުޖުތަމައަށް ނުރައްކާވާ ބައެއް ކަމަށް ޕީޖީ އޮފީހުގެ ވަކީލުން ބުނެފައިވަނިކޮށް، އޭގެތެރެއިން ދެ މީހަކަށް ފެނަކަ ކުންފުނިން ވަޒީފާ ދީފައިވާތީ ހައި ކޯޓުގެ ފަނޑިޔާރުން ސުވާލު އުފެއްދެވުމުން އާއްމުންނާއި ސިޔާސީ ފަރާތްތަކުންވަނީ ފާޑުކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ