ސަރުކާރަށް 10 މަސް: 4000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ
ހަވާލުވިތާ 10 މަސްދުވަސް ވެފައިވާއިރު، ގަވާއިދާ ޚިލާފަށް އުޅުނު 4054 ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ. މި މުއްދަތުގައި އެންމެ ގިނަ ބިދޭސީން
(690) ފޮނުވާލާފައިވަނީ 2024 ގެ ޖޫން މަހުގައެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން
ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއްގެ ގޮތުގައި އިމިގްރޭޝަނުން ބުނެއެވެ.
މިގޮތުން، އިމިގްރޭޝަނުން މާލޭގައި ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު، ރާއްޖޭގެ
އެހެން ރަށްރަށާއި ރިސޯޓުތަކުގައިވެސް ބިދޭސީންގެ މަޢުލޫމާތު އެއްކުރަމުންދެއެވެ. މީގެއިތުރުން،
ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ
މަޢުލޫމާތުވެސް އެއްކުރެވެމުންދާކަމަށް އެ އިދާރާއިން ބުނެއެވެ.
އާންމު ސަލާމަތާއި ރައްކާތެރިކަމަށް އަމާޒުކޮށް،
ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ފަށާފައިވާކަމަށް
އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. ޑީޕޯޓްކުރެވުނު ބިދޭސީންގެ ތެރޭގައި ގަވާއިދާ ޚިލާފަށް
ވިޔަފާރިކުރާ މީހުންނާއި ލިޔެކިޔުން ފުރިހަމަނުކޮށް އުޅޭ މީހުން ގިނައިން ހިމެނޭކަމަށް
އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ބިދޭސީންގެ
މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތާއި ސަލާމަތް ރައްކާތެރިކުރުންކަމަށް
އިމިގްރޭޝަނުން ބުނެއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި
ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅަމުންދާކަމަށްވެސް
އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ