ރާއްޖެއިން ކުރާ މަސައްކަތަށް އދ ގެ ސާބަސް

ދުނިޔެއަށް ކުރިމަތިވަމުން މައްސަލަތަކުގައި ވާކާލާތުކުރުމުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓޭރޭޒް "ސާބަސް" ދަންނަވައިފިއެވެ.
އދ ގެ އާއްމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ މިރޭ އދ ގެ ސެކެޓްރީ ޖެނެރަލް އާއި ބައްދަލުކުރައްވާފައެވެ.މި ބައްދަލުކުރެއްވުމުގައި ގުޓޭރޭޒް ވަނީ ދުނިޔެއަށް ކުރިމަތިވަމުން އަންނަ މައްސަލަތަކުގައި ވާކާލާތުކުރުމުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް "ސާބަސް" ދަންނަވާފަ އެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އދ ގައި ރާއްޖެއިން އަދާ ކުރަމުން އަންނަ ދައުރު އިތުރަށް ފުޅާކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުދި ގައުމުތަކަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ގުޓެރޭޒް އަށް ދެއްވާފައެވެ. ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްސާކުރައްވައި، އެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރައްވަަމުން އަންނަ މަސައްކަތްތައް ވެސް މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ.
ރައީސް ޑރ. މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރެވެ. އދ.ގެ އާޢްމު މަޖިލީހުގެ 79 ވަނަ
ބައްދަލުކުރެއްވުމުގައި ރައީސް ތަގްރީރްކުރެއްވުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު ވާ
އަންގާރަދުވަހުއެވެ. އެ މަނިކުފާނު ތަގްރީރްކުރެއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ގަނޑިން ގާތްގަނޑަކަށް 11 ޖަހާކަންހާއިރުއެވެ. މިއީ ދިވެހިރާއްޖޭގެ ރައީސަކު އދ ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެއެވެ. އދ ގެ ހިއުމަންރައިޓްސް ކައުންސިލްގެ މެމްބަރުކަމުގައި ރާއްޖެއިން ، އަންނަނީ 3 ވަނަ ދައުރު ފުރިހަމަ ކުރަމުންނެވެ. އަދި މި ވަގުތު އަންނަނީ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެމްބަރުކަން ހޯދުމަށް ވާދަކުރަމުންނެވެ.
ދިވެހިރާޢްޖެއިން އދ ގެ މެމްބަރަކަށް ވިތާ މިއީ 59 ވަނަ އަހަރެއެވެ. ރާއްޖެއިން އދ އާއި ގުޅުނީ 21 ސެޕްޓެމްބަރ 1965 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ