ބޮޑު ތަފާތަކުން ވިލަރެއާލް ބަލިކޮށް ބާސެލޯނާ އިން ބަދަލުހިފައިފި

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ވިލަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ. 
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ޖިރޯނާ އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ވިލަރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން މަޔޯކާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-3 ގެ ނަތީޖައަކުން ކާމިޔާބުކުރީ ވިލަރެއާލް އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބާސެލޯނާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ރޮބަޓް ލެވަންޑޮސްކީ އެވެ. އަދި މެޗުގެ 35 ވަނަ މިނެޓުގައި ލެވަންޑޮސްކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު ހަ މެޗުގައި އޭނާ ކާމިޔާބުކުރި ހަވަނަ ލަނޑެވެ. 
Advertisement
ނަމަވެސް އޭގެ ތިން މިނެޓު ފަހުން ވިލަރެއާލުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އަޔޯޒޭ ޕެރޭޒް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. 
މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިހާފުގައި ބްރެޒިލްގެ ފޯވާޑް ރަފީނިއާ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޕަބްލޯ ޓޮރޭސް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން މޮޅުވެ، 18 ޕޮއިންޓާއެކު ބާސެލޯނާ މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތްއިރު، މިމެޗުން ބަލިވި ވިލަރެއާލް ލީގުގައި ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ