ލުބުނާން، އިސްރާއީލް ހަމަލާތައް އަނެއްކާވެސް ވަރުގަދަކޮށްފި

އިސްރާއީލާއި، ލުބުނާންގެ ޙިޒްބުﷲ ޖަމާޢަތާ
ދެމެދު ބޯޑަރު ހުރަސްކޮށް ދެމުންދާ ހަމަލާތައް އަނެއްކާވެސް ވަރުގަދަވ ކޮށްފިއެވެ.
ދެފަރާތުންވެސް އެއްވެސް މިންވަރަކަށް ފަހަތަށް ޖެހުމުގެ ނިޝާނެއް ނުދައްކައެވެ.
ރޭވެސް ޙިޒްބުﷲ އިން 150 ޕްރޮޖެކްޓައިލް އިސްރާއީލަށް
ފޮނުވާލައިފައިވާ ކަމަށް އިސްރާއީލުގެ ސިފައިން ބުނެއެވެ. މީގެ ތެރެއިން ބައެއް މިސައިލްތައް
ވަނީ 2023 ގެ އޮކްޓޯބަރު 8 އިން ފެށިގެން ލުބުނާނުން ފޮނުވާލި އެއްވެސް މިސައިލަކަށްވުރެ
ދެކުނަށް ދަތުރުކޮށްފައެވެ.
މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން
ވަނީ ދެކުނު ލުބުނާނަށް ވައިގެ މަގުން ހަމަލާތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަމަލާތަކުގައި
ޙިޒްބުﷲގެ ރޮކެޓް ލޯންޗަރު ހަލާކުކޮށްލެވުނު ކަމަށް އިސްރާއީލުން ބުނެއެވެ. މި ހަމަލާތަކުގެ
ނަތީޖާއެއްގެ ގޮތުން، ލުބުނާނުން ތިން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވާއިރު،
މީގެ ތެރެއިން ދެ މީހަކީ ޙިޒްބުﷲގެ ހަނގުރާމަވެރިން ކަމަށް އެ ޖަމާއަތުން ކަށަވަރުކޮށްފައިވެއެވެ.
Advertisement
ޙިޒްބުﷲގެ އިސް ކޮމާންޑަރެއް ކަމަށްވާ އިބްރާހީމް
އަޤީލްގެ ޖަނާޒާ މިއަދު ބެއިރޫތުގައި ބޭއްވުނެވެ. އަޤީލް ޝަހީދުވީ ހުކުރު ދުވަހު ބެއިރޫތަށް
އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައެވެ. މި ޖަނާޒާގައި ވާހަކަދެއްކެވި ޙިޒްބުﷲގެ
އިސްވެރިޔަކު ބުނެފައިވަނީ، ޙިޒްބުﷲ އިން އާ ޗެޕްޓަރެއް ހުޅުވާލައިފައިވާ ކަމަށާއި،
އިސްރާއީލުގެ އިތުރު ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެވޭނެ ކަމަށެވެ.
އަނެއްކޮޅުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން
ނެތަންޔާހޫ ވަނީ އުތުރުން ސަލާމަތްކުރެވުނު 60،000 މީހުން އަނބުރާ އެމީހުންގެ ގެތަކަށް
ގެނައުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ވައުދުވެފައެވެ. އަދި އިސްރާއީލުގެ
ސިފައިންގެ އެންމެ އިސްވެރިޔާ ބުނެފައިވަނީ މި މީހުންނަށް އެނބުރި އެމީހުންގެ ގެތަކަށް
ދެވެންދެން ޙިޒްބުﷲ އަށް ހަމަލާތައް ދެމުން ގެންދާނެ ކަމަށެވެ.
މި ހާދިސާތަކުން ދައްކުވައިދެނީ އިސްރާއީލާއި ޙިޒްބުﷲ
އާ ދެމެދު އޮތް ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވަމުންދާ މަންޒަރެވެ. ދެފަރާތުންވެސް
އަނެއް ފަރާތަށް ނުލަނބާ ހަރުކަށި އިންޒާރުތައް ދެމުންދާއިރު، މި ހަނގުރާމަ އަވަހަށް
ނިމުމަކަށް އަންނާނެކަމުގެ އުންމީދެއް ނެތްކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ