ގްރިޒްމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ފްރާންސާއި އެތްލެޓިކޯ މެޑްރިޑްގެ ފޯވަޑް އެންޓޮއިން ގްރިޒްމަން އުމުރުން 33 އަހަރުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މިއަދު އިއުލާންކޮށްފި އެވެ.
ފްރާންސްގެ ގައުމީ ޓީމަށް 137 މެޗު ކުޅެ 44 ގޯލު ކާމިޔާބުކޮށްފައިވާ ގްރިޒްމަން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މޮސްކޯގައި ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު 4-2 ގެ ނަތީޖާއަކުން ފްރާންސް ކާމިޔާބުކުރިއިރު ގްރިޒްމަން ވަނީ ޕެނަލްޓީއަކުން ލަނޑެއްވެސް ކާމިޔާބުކޮށްފަ އެވެ. ގްރިޒްމަން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި 6 ލަނޑު ޖަހައި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށް ގްރިޒްމަން ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ފްރާންސްގެ ގައުމީ ޓީމާއިއެކު އޭނާއަށް އުފާވެރިކަމާއި ހިތްދަތިކަމުގެ އިތުރުން ކާމިޔާބީގެ ރަހަ އިހުސާސް ކުރެވިފައިވާ ކަމަށާއި އެހެންކަމުން މިއީ އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް އޭނާ އެއްކައިރިއަށް ޖެހިލަން އެންމެ ރަގަޅު ވަގުތު ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ފްރާންސްގެ ގައުމީ ޓީމުގެ ޖާޒީ ލުމަކީ އޭނާއަށް ލިބިގެންދިޔަ ފަހުރެއް ކަމަށެވެ.
ނޭޝަންސް ލީގުގައި މިމަހު އިޓަލީ އާއި ދެކޮޅަށް ކުޅެ 3-1 ގެ ނަތީޖާއަކުން އިޓަލީ އަތުން ބަލިވި މެޗުގެ ފުރަތަމަ އެގާރައިގައި ގްރިޒްމަން ވަނީ ކުޅެފައެވެ. އަދި އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވާ މެޗަކީ ނޭޝަންސް ލީގުގައި ބެލްޖިއަމް އާއި ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މިމަހު ކުޅުނު މެޗެވެ.
އެހެންކަމުން އަންނަ އޮކްޓޯބަރ މަހު އިޒްރޭލާއި ބެލްޖިއަމް އާއި ދެކޮޅަށް ކުޅޭ މެޗުތަކުގައި ގްރިޒްމަން ނުފެންނާނެ އެވެ.
ފްރާންސްގެ ކޯޗް ޑިޑިއޭ ޑިޝޮމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް ކުޅުނު ގިނަ މެޗުތަކުގައި ގްރިޒްމަން އަކީ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއްގެ ގޮތުގައިވަނީ ބެލެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ