ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެމަފިރިންގެ މައްޗަށް ދައުވާކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ދެ މީހެއްގެ މައްޗަށް ދައުވާކުރުމަށް ދައުލަތުން ނިންމައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ ކްރިސް އެމްބްރޯސިޔާ (27އ) އާއި، އިންޑިއާ ފިރިހެނެއް ކަމަށްވާ އިމްރާން ޕާޝާ (33އ) އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން 45 ދުވަހަށް ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، މި ދެ މީހުންގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، އޭގެ ވިޔަފާރިކޮށް އަދި ޓްރެފިކް ކުރުމުގެ ތުހުމަތެވެ. އެ ދެ މީހުން ރާއްޖެ އައިއިރު 2.4 ކިލޯގެ ޑްރަގް ފެނިފައިވެއެވެ. ކޯޓުން ބުނެފައިވަނީ މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފޯމާއި، ހާދިސާ ހިނގި ސީންއަށް ދިޔަ ފުލުހެއްގެ ބަޔާން ހިމެނެއެވެ.
ދައުލަތުން ކޯޓުގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ދައުވާ މި ދެ މީހުންގެ މައްޗަށް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިހާރު ބަލައިގަނެފައިވާ ކަމަށްވެސް ދައުލަތުން މައުލޫމާތު ދީފައިވެއެވެ.
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އެއާޕޯޓުގައި އުޅުނުއިރު މި ދެ މީހުންގެ އަމަލުތައް ހުރީ ވަރަށް ބޮޑަށް ޝައްކުކުރެވޭ ގޮތަކަށެވެ. އަދި އެ މީހުންގެ ފޯނުން ކޮށްފައިވާ މުވާސަލާތުތަކަށް ބަލާއިރު، މިއީ އެ މީހުންނަށް އެނގިގެން ހިންގާފައިވާ ކުށެއް ކަމަށް ބެލެވޭ ކަމަށްވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ