ވޯލްޑް ކަޕް: ހިލޭ ޓިކެޓް ދެވުނީ އޮޅިގެން ކަމަށް ބުނެ ފީފާއިން މާފަށް އެދި، ފައިސާ ދައްކަން އަންގައިފި
މި މަހުގެ 11 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ޓިކެޓް ވިއްކުމުގެ ތެރޭގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބައެއް ސަޕޯޓަރުންނަށް ހިލޭ ޓިކެޓް ލިބުނު މައްސަލައިގައި ފީފާއިން މައާފަށް އެދި، އެ ޓިކެޓްތަކަށް ފައިސާ ދައްކަން އަންގައިފިއެވެ. ފީފާއިން ބުނި ގޮތުގައި ވެބްސައިޓަށް ދިމާވި ގްލިޗެއްގެ ސަބަބުން ގާތްގަނޑަކަށް 60 ސަޕޯޓަރަކަށް ޓިކެޓް ލިބިފައިވަނީ އެއްވެސް އަގަކާ ނުލައި ހިލެއެވެ. https://sun.mv/222856 މި ކަމާ ގުޅިގެން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މި މައްސަލައިގެ ސަބަބުން ދިމާވި ދަތިތަކަށް ފީފާއިން ހިތާމަކުރާ" ކަމަށާއި، ނަމަވެސް އެ ޓިކެޓްތައް ބޭނުންވާ ނަމަ މިހާރު ވަނީ ރަނގަޅު އަގު ދެއްކުމަށް ސަޕޯޓަރުންނަށް އަންގާފައި ކަމަށެވެ. މި މައްސަލަ ދިމާވެފައިވަނީ ކެނެޑާގެ ޓޮރޮންޓޯގައި ކުޅުމަށް ހަމަޖެހިފައިވާ ގްރޫޕް ސްޓޭޖްގެ މެޗުތަކަށެވެ. ޓިކެޓް ލިބުނު ފަރާތްތަކަށް ފީފާއިން ފޮނުވި އީމެއިލްތަކުގައި ބުނެފައިވަނީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ އެ ސީޓްތައް ކެންސަލްވާނެ ކަމަށެވެ. https://sun.mv/222852 މި ހާދިސާ މި ދިމާވީ ވޯލްޑް ކަޕްގެ ޓިކެޓްގެ އަގުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ފީފާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ނިއުޔޯކް އަދި ނިއުޖާޒީގެ އޮފިޝަލުން މިހާރު ދަނީ ފީފާގެ ޓިކެޓް ވިއްކުމުގެ އުސޫލުތައް ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނުތަކާ ހިލާފުތޯ ބެލުމަށް ތަހުގީގުކުރަމުންނެވެ. ވަކިން ޚާއްސަކޮށް، ޑިމާންޑަށް ބަލައި އަގު ބަދަލުވާ "ވޭރިއަބަލް ޕްރައިސިން" ސިސްޓަމާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ އިތުރުން، ދަނޑުތަކަށް ވަންނައިރު އަލުން ފެން އެޅޭ ކަހަލަ ޕްލާސްޓިކް ފުޅި ވެއްދުން މަނާކުރުމަށް ފީފާއިން ނިންމި ނިންމުމަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ފީފާއިން ބުނީ މިއީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ސަލާމަތަށް ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް، ގަދަ ހޫނުގައި ސަޕޯޓަރުންގެ ސިއްހަތަށް މީގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ. https://sun.mv/222854 ވޯލްޑް ކަޕް ފައިނަލް މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ ނިއުޔޯކް ނިއުޖާޒީ ސްޓޭޑިއަމްގައެވެ. މި މެޗުގެ ޓިކެޓްތަކުގެ އަގު މިހާރު ހުރީ އާދަޔާޚިލާފަށް މަތީގައެވެ. ސީޓްގީކް ފަދަ ސައިޓްތަކުގައި ފައިނަލް މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއް ވެސް 7,869 ޑޮލަރަށް ލިބެން ހުރިއިރު، ދަނޑާ ކައިރި ސީޓްތަކުގެ އަގު 12,820 ޑޮލަރަށް ވުރެ މަތީގައި އުޅޭކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ