އިންޑިއާގެ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޖާޒީ ސިޔާސީ ހަރަކާތް ކަމަށްވާ ކޮކްރޯޗް ޖަންތާ ޕާޓީ ނުވަތަ ސީޖޭޕީގެ ރަސްމީ ވެބްސައިޓް އިންޑިއާ ސަރުކާރުން ބްލޮކްކޮށްފި ކަމަށް އެ ގްރޫޕުން ބުނެފި އެވެ.
ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އެމީހުންގެ ވެބްސައިޓަށް ނައްތާލާފައިވާ ކަމަށެވެ. އޭނާ ވަނީ ސަރުކާރުން ކުރަފި ދެކެ މިހާ ބޮޑަށް ބިރުގަންނަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.
މީގެ އިތުރުން އެ ގްރޫޕުގެ ރަސްމީ އެކްސް އެކައުންޓް ވެސް އިންޑިއާގައި ބޭނުމެއް ނުކުރެވެއެވެ. އެ އެކައުންޓަށް ވަންނަން މަސައްކަތް ކުރުމުން ފެންނަނީ ގާނޫނީ ސަބަބުތަކަކަށްޓަކައި އެ އެކައުންޓް ހިފަހައްޓާފައިވާ ކަމުގެ މެސެޖެކެވެ.
މި ހަރަކާތަކީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ވަޒީފާ ނެތް ޒުވާނުންނަކީ ކުރަފިތަކެއް ފަދަ ބައެއްގެ ގޮތުގައި ސިފަކުރެއްވި ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެން އުފެދުނު ހަރަކާތެކެވެ.
އުއްތަމަ ފަނޑިޔާރު ފަހުން ސާފުކޮށްދެއްވި ގޮތުގައި، އެމަނިކުފާނު އިޝާރާތް ކުރެއްވީ 'އޮޅުވާލައިގެން ހަދާފައިވާ އަދި ސައްހަ ނޫން ސަނަދުތައް' ގެންގުޅޭ މީހުންނަށެވެ. އެއީ މުޅި އިންޑިއާގެ ޒުވާނުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކައެއް ނޫން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މިކަމާ ގުޅިގެން އުފެދުނު ސީޖޭޕީން ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަންތާ ޕާޓީ ނުވަތަ ބީޖޭޕީގެ ނަމަށް ނިސްބަތްކޮށް ޖޯކު ޖަހަން ފަށާފައެވެ.
ސީޖޭޕީން ބުނާ ގޮތުގައި އެއީ ވަޒީފާ ނެތް މީހުންނާއި ކަންނެތް މީހުންގެ އަޑެވެ. އެ ގްރޫޕުގެ މެންބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ގިނަ ވަގުތު އޮންލައިންކޮށް އުޅުމާއި ޕްރޮފެޝަނަލް ފެންވަރެއްގައި ޝަކުވާ ކުރުމުގެ ގާބިލުކަން ހުރުން ހިމެނެއެވެ. މި ހަރަކާތުގެ މަގުބޫލުކަން އިންސްޓަގްރާމްގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެމީހުންގެ ފޮލޯވަރުންގެ އަދަދު ބީޖޭޕީގެ ފޮލޯވަރުންނަށްވުރެ ދެގުނަ އިތުރެވެ.
އެމެރިކާގެ ބޮސްޓަން ޔުނިވަސިޓީގައި ކިޔަވަމުންދާ ދިޕްކޭ ބުނި ގޮތުގައި އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓާއި ސީޖޭޕީގެ އެކައުންޓް ވެސް ވަނީ ހެކްކޮށްފައެވެ. އޭނާ ބުނާ ގޮތުގައި މި ހަރަކާތަށް މިހާ ބޮޑު ތަރުހީބެއް ލިބެނީ އިންޑިއާގެ ޒުވާނުންގެ މެދުގައި އޮތް ވަޒީފާ ނެތްކަމުގެ މައްސަލައާއި، ސިޔާސީ މައިދާނުގައި އެމީހުންގެ އަޑު ނީވޭ ކަމުގެ އިހުސާސް ކުރެވޭތީއެވެ.
އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ 30 އަހަރުން ދަށުގެ ޒުވާނުންނެވެ. ނަމަވެސް ސިޔާސީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އަދިވެސް އޮތީ ވަރަށް ކުޑަކޮށެވެ. ސީޖޭޕީން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ތައްޔާރުކުރާ ފޮޓޯތަކާއި ވީޑިއޯތައް މެދުވެރިކޮށް ޒުވާނުންގެ މެދުގައި ބޮޑު ހޭލުންތެރިކަމެއް އުފައްދަމުންދާއިރު، ބައެއް ޒުވާނުން ދަނީ ކުރަފި ހެދުން އަޅައިގެން މުޒާހަރާތަކާއި ސާފުކުރުމުގެ ހަރަކާތްތަކުގައި ވެސް ބައިވެރިވަމުންނެވެ. ވެބްސައިޓް ބްލޮކް ކުރި ނަމަވެސް، ދިޕްކޭ ބުނީ ކުރަފިތަކަކީ ދުވަހަކުވެސް މަރުވާނެ ބައެއް ނޫން ކަމަށާއި، އާ ވެބްސައިޓެއްގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
އިންޑިއާގެ 'ކުރަފި ޕާޓީ' ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓްތައް ބްލޮކްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ