ފެނާއި ސިމެންތި ބަރުކޮށްގެން ކުޅުދުއްފުށިން ފިލައްދޫއަށް ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައިފި

މުދާ އަރުވައިގެން ކުޅުދުއްފުށިން ހއ ފިލައްދޫއަށް ދަތުރުކުރި އެ އަތޮޅު ބާރަށު ދޯންޏެއް ބަންޑުން ޖަހާލައިގެން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ގާތްގަނޑަކަށް 30 ފޫޓްގެ މި ދޯނި ބަންޑުން ޖަހާލީ މިއަދު ހަވީރުގެ ވަގުތެއްގައި ކުޅުދުއްފުށި ބޭރު މައްޗަށެވެ. އެ ވަގުތު ދޯނީގައި ތިބީ އޭގެ ތިން ފަޅުވެރިންނެވެ. އެ ތިން މީހުންނަކީވެސް ދިވެހިންނެވެ.
ދޯނި ބަންޑުން ޖަހާލިއިރު 152 ކޭސް ފެނާއި 10 ސިމެންތި ބަސްތާގެ އިތުރުން ބައެއް މުދާ ހުރިކަމަށް މައުލޫމާތު ލިބެ އެވެ. މި ހާދިސާގައި ދޯނީގެ ގެގަނޑު ބަޔަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ.
ދޯނި ދަތުރުކުރި އެއްވެސް މީހަކަށް ސީރިއަސް އަނިޔާ ނުވިނަމަވެސް އޭގެން ދަތުރުކުރި 68 އަހަރުގެ މީހަކަށް ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ. އެ މީހާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
ދޯނި ބަންޑުން ޖަހާލުން އެ ދޯންޏަށް ފުރަތަމަ އެހީވީ ކުޅުދުއްފުށީ ރައްޔިތުންނެވެ. އެގޮތުން ރައްޔިތުންގެ ތެރެއިން ބަޔަކު ދޯންޏެއްގައި ގޮސް އެ ދޯނި ކަފު ޖަހައިގެން ކުޅުދުއްފުށީ ފަޅުތެރެއަށް ވެއްދި އެވެ. އަދި ދޯނި ފުށުން ޖަލައި ލޮނުގަނޑު ހިއްކާ ދޯނި އެހެލުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިންނާއެކު ރައްޔިތުންވެސް ހަރަކާތްތެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ