ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންގްސް އިން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ލޯންގްޓާމް އިޝުއާ ޑިފޯލްޓް ރޭޓިން (އައިޑީއާރު) "ސީސީސީ-" (-CCC) އަށް ކަނޑައަޅައިފި އެވެ.
ފިޗުގެ ރޭޓިންގައި ބީއެމްއެލްގެ ދިވެހި ރުފިޔާގެ މުއާމަލާތްތަކަށް "ސީސީސީ+" (CCC+) ރޭޓިންއެއް ދީފައިވާއިރު، ބޭންކުގެ އައުޓްލުކް ނުވަތަ ކުރިމަގު އޮތީ "ސްޓޭބަލް" ކޮށް ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފަ ކަމަށް ބުންޏެވެ.
އާދައިގެ ބަހުން ބުނާ ނަމަ، ބީއެމްއެލްއަށް ކަނޑައެޅި "ސީސީސީ-" ރޭޓިންއިން ދައްކައިދެނީ، ބޭންކުން މި ވަގުތު މާލީ ޒިންމާތައް އަދާކުރަމުން ދިޔަ ނަމަވެސް، ރާއްޖޭގެ އިގުތިސޯދީ ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ މުސްތަގުބަލުުގައި އެ ބޭންކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެވެ.
ފިޗުން ހާމަކުރި ގޮތުގައި ބީއެމްއެލްގެ ރޭޓިން މަތިނުވެ ހިފެހެއްޓިފަ ވަނީ ދިވެހި ސަރުކާރުގެ މާލީ ހާލަތު ހުރި ގޮތުންނެވެ. ފިޗުގެ ރޭޓިންގައި، ބޭންކަށް ދިމާވެދާނެ މާލީ ނުރައްކަލެއްގައި ސަރުކާރުގެ އެހީތެރިކަން ލިބޭނެ މިންވަރު ބަލާ ގަވަމަންޓް ސަޕޯޓު ރޭޓިން (ޖީއެސްއާރު) ކަނޑައެޅީ "ނޯ ސަޕޯޓު" ނުވަތަ އެހީތެރިކަމެއް ނުލިބޭނެ ކަމަށެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އެނެްމެ ބޮޑު އަދި އެންމެ ފައިދާ ލިބޭ ބޭންކަށް ވިޔަސް، އެ ބޭންކަށް ވެސް ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ގޮންޖެހުންތަކުން، ހާއްސަކޮށް ޑޮލަރުގެ ދަތިކަމުން، ސަލާމަތް ނުވެވޭނެ ކަމަށް ރޭޓިންއިން ދޭހަވެ އެވެ.
ބީއެމްއެލްގެ އަސްލު ހާލަތާއި ރޭޓިންއިން ފެންނަ ފަރަގު އަޅާބަލާއިރު، ނިމުނު އަހަރަކީ އެ ބޭންކުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އަހަރެވެ. އެ އަހަރު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނުއިރު، ޖުމްލަ އެސެޓުތަކުގެ އަގު ވަނީ 55.8 ބިލިއަން ރުފިޔާއަށް ބޮޑުވެފަ އެވެ.
މިދިޔަ އަހަރު ބީއެމްއެލް އިން 30،000 އަށްވުރެ ގިނަ އާ ކަސްޓަމަރުންނަށް މަރުހަބާ ކިޔާފައިވެ އެވެ. މީގެ އިތުރުން ބޭންކުން ވަނީ މިދިޔަ އަހަރު އަލަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފަ އެވެ.
ނަމަވެސް ފިޗުން ދިން ރޭޓިންގައި ބޭންކުުގެ މާލީ ދުޅަހެޔޮކަމުގެ ސްކޯ ވަނީ ދެ ދަރަޖަ ދަށްކޮށްފަ އެވެ. ސްކޯ ދަށްކުރި ސަބަބެއް ކަމަށް ރޭޓިންގައި ސާފުކޮށް ބުނީ، ޑޮލަރު ކޭޝް ފްލޯ މަދުވުމެވެ. ފިޗުން ދެކޭ ގޮތުގައި، އަދި ގިނަ މާހިރުން ވެސް އެއްބަސްވާ ގޮތުގައި، ބޭންކަށް ވަންނަ ޑޮލަރަށް ވުރެ ނުކުންނަ ޑޮލަރުގެ މިންވަރު އިތުރުވުމަކީ ބޭންކުގެ އެންމެ ބަލިފަ އެވެ.
ބޮޑު ފައިދާއެއް ހޯދަމުންދާ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކުން ބޭންކަކަށް މި ފަދަ ދަށް ކްރެޑިޓް ރޭޓިންއެއް ލިބެން ޖެހުނު ސަބަބު ދެނެގަނެވޭނީ، ބީއެމްއެލް އާއި ދިވެހި ސަރުކާރާ އަދީ ރާއްޖޭގެ އިގުތިސޯދާ އޮތް ގާތް ގުޅުމަށް ބަލާލުމުންނެވެ.
މި މަހުގެ ކުރީކޮޅު ފިޗުން ވަނީ ދިވެހި ސަރުކާރުގެ ރޭޓިން ކުރިން ހުރި "ސީސީ" (CC) އިން "ސީސީސީ-" އަށް މަތިކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން މި ރޭޓިން ބަލައިގަތީ، އިގުތިސޯދު ރަނގަޅު ވަމުންދާ ކަމުގެ ހެކި ލެބޭ ނިޝާނެއްގެ ގޮތުގަ އެވެ. އެކަމަކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ރާއްޖެއަށް ބޭރު ފައިސާ ލިބޭ މިންވަރަށް ވުރެ ބޭރުވެ މިންވަރު އަދިވެސް މާ މައްޗެވެ.
ފިޗުން ރޭޓިން މަތިކުރީ ފަސް އަހަރު ކުރިން ވިއްކި ސުކޫކުގެ ބޮޑު ދަރަނި އަދާކުރުމުންނެވެ. މި ފައިސާ ދައްކަން ސަރުކާރުން ވަނީ ސޮވްރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ގައި ދެ އަހަރު ވަންދެން ރައްކާކުރި ޑޮލަރުތައް ބޭނުންކޮށްފަ އެވެ. އަދި ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވުން ބޮޑު ބައެއް ހުސްކުރަން ޖެހުނެވެ.
ސުކޫކު ދެއްކުމާ ގުޅިގެން ސޮވަރިން ޑިފޯލްޓަކަށް ދިޔުމުގެ ފުރުސަތު ކުޑަވުމުން، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީސީ-" އަށް މިއަދު ވަނީ މަތިކޮށްފައެވެ. ފިޗުން ފާހަގަކުރި ގޮތުގައި އިސްލާހީ ފިޔަވަޅުތަކާއެކު ބޭރުގެ އެހީތެރިކަން ލިބުމަކީ ދަރަނި ދެއްކުމަށް އޮތް ލުޔެއް ނަމަވެސް، ރިޒާވް މަދުވުމާއި ދަރަނި ބޮޑުވުމުގެ ގޮންޖެހުންތައް އަދިވެސް އެބަހުއްޓެވެ.
ސުކޫކު އަނބުރާ ދެއްކުމުގެ ސަބަބުން ޑީފޯލްޓުވުމުން ސަލާމަތްވި ނަމަވެސް، ބޭނުންކުރެވޭ ރިޒާވު ވަނީ 500 މިލިއަން ޑޮލަރާ ގާތްކުރުމަށް ފަހު، އޭގެ ދެބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑަށް، 244 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ. ބޭނުންކުރެވޭ ރިޒާވުގެ ތެރޭގައި، ބޭންކިން ނިޒާމު ހުއްޓުނަނުދިމުގެ ގޮތުން އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފަ ހުރި 97 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.
ސަރުކާރުގައި ޑޮލަރު މަދުވުމުގެ މާނައަކީ ބީއެމްއެލްއަށް ޑޮލަރުގެ ތާށިކަމެއް ކުރިމަތިވިޔަސް، ސަރުކާރަކަށް ބޭންކަކަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ އެވެ. މީގެ އަސަރު ބީއެމްއެލްގެ ޖުމްލަ ރޭޓިންއަށް ކުރީ ސަރުކާރާ ގުޅޭ މިންގަނޑުގައި ސުމެއް ނޫނީ "ނޯ ސަޕޯޓު" ލިބުމުންނެވެ.
ބީއެމްއެލްގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވި އަހަރުގެ ތެރޭގައި އެ ބޭންކުން ވަނީ ބޮޑެތި ރިސްކުތަކެއް ނަގާފަ އެވެ. އެ ބޭންކުން ވަނީ މިދިޔަ އަހަރު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ބޭންކު ގަނެ، ރެކޯޑު އަދަދެއް ކަމަށްވާ 10 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފަ އެވެ.
ބޭންކުގެ މި ނިންމުންތަކާ ގުޅިގެން ބޭންކަށް އަނބުރާ ނުލިބިދާނެ ކަމަށް ބެލެވޭ އިމްޕެއާޑް ލޯނުތަކުގެ ނިސްބަތް ވަނީ އޭގެ ކުރީ އަހަރުގައި ހުރި 6.9 ޕަސެންޓުން 7.8 ޕަސެންޓަށް މަތިވެފަ އެވެ. އަދި ލޯނު ދޫކުރި އަދަދު ވަނީ 22.8 ޕަސެންޓު އިތުރުވެފަ އެވެ.
ބީއެމްއެލްގެ ތާރީހުގައި ވެސް އެސެޓާއި ޑިޕޮސިޓް އެންމެ މަތިވި މި ދަނޑިވަޅުގައި، ބޭންކުގައި ހުރި ޑޮލަރު ޑިޕޮސިޓްގެ އަދަދު 1.3 ބިލިއަން ޑޮލަރަށް އަރާފައިވާކަން އެ ބޭންކުން ހާމަކޮށްފި. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 631 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ބޭންކަށް ލިބިފައިވާއިރު، އާންމުންނާއި ވިޔަފާރިތަކަށް ޖުމްލަ 226 މިލިއަން ޑޮލަރު ވަނީ ވިއްކާފައި.
ފިޗުން ވަނީ ބޭންކުން ދޫކުރި ލޯނުތަކާ ގުޅިގެން އިންޒާރު ދީފަ އެވެ. ރޭޓިންގައި ފާހަަގަކުރި ގޮތުގައި ބޮޑެތި ލޯނުތައް ދޫކޮށްފަ ހުރީ އަވަސްއަވަހަށް ބަދަލު އަންނަ ތިން ސިނާއަތްތައް ކަމުގައިވާ، ޓޫރިޒަމާއި އިމާރާތްކުރުމާއި ދަތުަރުފަތުރަށެވެ.
މި ތިން ސިނާއަތަކީ ވެސް ދުނިޔޭގެ ހާލަތަށް އަންނަ ބަދަލުތަކާ ބާޒާރަށް އަންނަ ލޮޅުންތަކާ ގުޅިލާމެހިފައިވާ ސިނާއަތްތަކެވެ. މިސާލަކަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ ނަމަ ނޫނީ ޓޫރިސްޓުން އަންނަ މިންވަރު ދަށް ވެއްޖެ ނަމަ، މި ދާއިރާތަކުގެ ގިނަ ވިޔަފާރިތަކަށް ބޭންކުގެ ލޯނު އަނބުރާ ދައްކަން ދަތިވާނެ އެވެ.
ފިޗުން ބީއެމްއެލްއަށް ރޭޓިންއެއް ދިނީ އެ ބޭންކުން ބޭރުގެ ބާޒާރަށް ސުކޫކެއް ވިއްކުމުގެ މަސައްކަތް ފަށައިގެން އުޅޭތީ އެވެ.
ބީއެމްއެލްގެ ވެރިންނާއި ސަރުކާރުން ބުނެފައިވާ ގޮތުގައި މި ސުކޫކު ވިއްކައިގެން ލިބޭ އެއްވެސް ފައިސާއެއް ސަރުކާރުގެ ހަރަދެއް ހަމަޖައްސާކަށް ބޭނުމެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި، ބޭންކުން ބުނެފައި ވަނީ، މި ފައިސާ ބޭނުންކުރާނީ ޓޫރިޒަމާއި އިމްޕޯޓު ވިޔަފާރިތަކަށް އެހީވުމަށް ކަމަށެވެ.
ބީއެމްއެލްއިން ވަނީ މި ސުކޫކުގައި އިންވެސްޓުކުރަން އިނގިރޭސިވިލާތާއި ސިންގަޕޫރާއި މެދުއިރުމަތީގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބުނެފަ އެވެ. މިއީ ރަނގަޅެކެވެ. އަދި ބޭންކާ މެދުގައި އިތުބާރު އޮތް ކަމުގެ ނިޝާނެކެވެ.
ބީއެމްއެލްއިން މަސައްކަތް ކުރަމުން އަންނަނީ 300 މިލިއަން ޑޮލަރު ހޯދުމަށެވެ. އެއީ ދިވެހި ސަރުކާރުން ގެރެންޓީ ދޭގޮތަށް ވިއްކާ ސުކޫކެކެވެ.
ނަމަވެސް ފިޗުގެ ރޭޓިންއިން އަންގައިދެނީ މި ފައިސާ ހޯދަން ބީއެމްއެލްއިން ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމެވެ. ސަބަބަކީ ބޭންކާއި ރާއްޖޭގެ ރޭޓިން "ސީސީސީ-" ގައި ހުރުމެވެ. މި ރޭޓިންއިން އިންވެސްޓަރުންނަށް ދޭ މެސެޖަކީ، ބީއެމްއެލްއަށް ފައިސާ ދިނުމަކީ ބޮޑު ރިސްކެއް ކަމެވެ.
އެހެންކަމުން، މި ސުކޫކް ގަންނަން އިންވެސްޓަރުންނަށް ޝައުގުވެރިކަން އުފެއްދުމަށް ޓަކައި ބީއެމްއެލް އިން ވަރަށް މަތީ އިންޓްރެސްޓް ރޭޓެއް (ޔީލްޑް) ދައްކަން ޖެހޭނެ އެވެ. މި ބޮޑު ހަރަދުގެ ސަބަބުން ބީއެމްއެލްގެ ފައިދާގެ މާޖިން ދަށްވާނެ އެވެ.
އަނެއްކޮޅުން ބީއެމްއެލްއަށް ވަންނަ ޑޮލަރު ކޮޅު ފެންނަނީ ވަން ވަރަަށް ވުރެ ބާރަށް ބޭރުވެގެންދާ ތެނެވެ. ސަބަބަކީ އާ ރިސޯޓުތައް ހަދަން ބޭނުންވާ ސިމެންތި އާއި ދަގަނޑާއި ބޮޑެތި މެޝިނަރީޒްގެ އިތުރުން ބޭރުގެ މަސައްކަތްތެރިންނަށް ކުރާ ހަރަދުގެ ފައިސާ ބޭރުވެގެން ދާތީ އެވެ.
މި ސުކޫކުގެ ސަބަބުން ޑޮލަރުގެ ދަތިކަމަށް ވަގުތީ ފަރުވާއެއް ލިބުނު ނަމަވެސް، މިއީ މައްސަލައިގެ އަސްލު މޫތަކަށް ހައްލެއް ނުލިބި، މުސްތަގުބަލުގައި ބީއެމްއެލް އިން ދައްކަންޖެހޭ ބޭރުގެ ބޮޑު ދަރަންޏެއް އިތުރުވެގެންދާނެ ކަމެކެވެ. އާ ޑޮލަރުތަކެއް ވަދެ، ކުޑަ ނޭވާއެއްލާނެ ފުރުސަތެއް ލިބުނަސް ދުރު މުަސްތުގުބަލުގައި ލިބޭ ހައްލެއް ނެތެވެ.
ބީއެމްއެލްއަށް "ސީސީސީ-" ރޭޓިންއަކީ މޮޅެއްތަ؟ ކަމެއް ހައްލުވޭތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ