އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފ. ފީއަލި އަދި ގދ. ފިޔޯރީގައި ބެހެއްޓި ވޯޓުފޮށީގެ މައްސަލަތަކާ ހެދި އެ ދެ ފޮށި ބާތިލްކޮށް، އެހެން ދުވަހެއްގައި ވޯޓުލުން ކުރިއަށްގެންދަން އިންތިހާބުގެ ޝަކުވާ ބަލާ ކޮމެޓީން ނިންމައިފި އެވެ.
އިންތިހާބާ ބެހޭ ކޮމެޓީގެ އޮފިޝަލަކު މިރޭ ވިދާޅުވީ ޝަކުވާ ކޮމެޓީއަށް ހުށަހެޅި މައްސަލަތައް ބަލައި އެ ދެ ފޮށީގެ ވޯޓުލުން ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.
ފީއަލީ އަދި ފިޔޯރީގައި އަލުން ވޯޓުލާނެ ދުވަހެއް ކޮމެޓީން އަދި ކަނޑަނާޅަ އެވެ.
ފިޔޯރީ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގީ، އެ ތަނަށް ވޯޓު ނުލެވޭ މީހަކު، އެ ފޮއްޓަށް ވޯޓުލާން ބޭނުންވުމުންނެވެ. އެ މީހާ ވޯޓުލާން ރަޖިސްޓްރީކޮށްފައި އޮތީ މާލެއަށެވެ.
ނަމަވެސް، އެ މައްސަލަ ބޮޑުވެ، ހިނގި ހަމަނުޖެހުމުގައި ވޯޓުފޮށި ވަނީ ފަޅާލައިފަ އެވެ. ފޮށި ފަޅައިގެން ދިޔަ ނަމަވެސް އެ ތަނުގައި ވޯޓުލުން ކުރިއަށްދިޔަ އެވެ.
ފީއަލީގައި ހަމަނުޖެހުން އުފެދުނީ ވަކި ކެންޑިޑޭޓެއްގެ މަންދޫބުން، ދެން ތިބި މީހުން މަންދޫބުންގެ ގޮތުގައި ބަލައިނުގަތުމުންނެވެ. އޭގެ ފަހުން ވެސް އެ ރަށުގައި ވަނީ ހަމަނުޖެހުންތައް ހިނގައިފަ އެވެ.
"ފަހުން ދިމާވި މައްސަލައަކީ އަޅުގަނޑުމެންގެ ވެބްސައިޓުގައި އާއްމުކުރި ލިސްޓުގައި އޮތް މީހަކަށް، ވޯޓުނުލެވޭ ކަމުގެ ޝަކުވާ. ޝަކުވާ ހުށަހެޅީމަ އެކަން ބަލަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
އެ ހިތްހަމަނުޖެހުމަކާއެކު ފީއަލީގެ ވޯޓުފޮށި ވަނީ ޕާޓީގެ ހަރުގެއަށް ގެންގޮސްފަ އެވެ. އެހެންވެ، އޭގެ ފަހުން ފީއަލީގައި ވޯޓެއް ނުލަ އެވެ.
އެ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.
އެމްޑީޕީ އިންތިހާބުގައި މައްސަލަ ޖެހުނު ދެ ފޮށީގެ ވޯޓުތައް ބާތިލްކޮށް، އަލުން ވޯޓު ލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ