ސަރުކާރުން ކުރިއަށްގެންދަން ކަނޑައަޅާފައިވާ މުހިންމު މަޝްރޫއުތަކުގެ ލިސްޓުން މަޝްރޫއުތައް ހިންގާ ރަށްތަކުގެ ނަން އުނިކޮށް، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑއެޅުމަށް ރައީސް މުހައްމަދު މުއިއްޒު އައު ގަރާރެއް ނެރުއްވައިފި އެވެ.
މުއިއްޒު މިއަދު ނެރުއްވި ގަރާރުގައި އެއާޕޯޓްތައް އަޅާ ރަށްތަކާއި ކޯޒްވޭ ލިންކަކުން ގުޅާލުމުގެ މަޝްރޫއު ހިންގާ ރަށްތަކާއި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގާ ރަށްތަކާއި ބިން ހިއްކާ ރަށްތަކުގެ ނަންތައް ލިސްޓުން ވަނީ އުނިކޮށްފަ އެވެ.
މުއިއްޒު މިދިޔަ އަހަރުގެ މާޗު 21، ގައި ނެރުއްވި ގަރާރުގައި ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށީގައި އައު އެއާޕޯޓެއް އެޅުމަށް ރާވާފައިވީ ނަމަވެސް، އައު ގަރާރުގައި އެ އެއާޕޯޓުތަކުގެ ނަންތައް ނުހިމެނެ އެވެ.
މީގެއިތުރުން ހުވަދުއަތޮޅު އުތުރުބުރީގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރުމާއި، ހައްދުންމަތީ ކައްދޫ އިންޝަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި، ހައްދުންމަތީގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރުމާއި، ގއ. ވިލިނގިލީގައި އެއާޕޯޓެއް ތަރައްގީކުރުން އަދި ހުވަދުއަތޮޅު ދެކުނުބުރީގައި އެއާޕޯޓެއް ތަރައްގީކުރަން ވެސް ކުރިން އޮތްއިރު، އެ ރަށްތަކުގެ ނަން ވެސް އައު ގަރާރުގައި ވަނީ އުނިކޮށްފަ އެވެ.
އައްޑޫ ސިޓީ އަދި ލ. ގަމުގައި އައްސޭރި މަޝްރޫއު ހިންގާ ވާހަކަ ކުރީގެ ގަރާރުގައި އޮތް ނަމަވެސް، އައު ގަރާރުން އެ ދެ މަޝްރޫއު ހިންގާ ރަށްތަކުގެ ނަން ވަނީ އުނިކޮށްފަ އެވެ. އަދި ބިން ހިއްކާ މަޝްރޫއުތައް ހިންގާ ކ. ފުށިދިއްގަރުފަޅު، ކ. ގުޅީފަޅު، ކ. ގިރާވަރުފަޅު، އުތުރުތިލަފަޅުގެ ނަން ވެސް އައު ގަރާރުން ވަނީ އުނިކޮށްފަ އެވެ.
އައު ގަރާރުން އުނިކުރި ކޯޒްވޭ ލިންކަކުން ގުޅައިލުމުގެ މަޝްރޫއު ހިންގާ ރަށްތަކުގެ ތެރޭގައި ތ. ވޭމަންޑޫ އާއި ތ. ކިނބިދޫ ގުޅާލުން، ތ. ދިޔަމިގިލި އާއި ތ. މަޑިފުށި ގުޅާލުން، ލ. ހިތަދޫ އާއި ލ. ކުނަހަންދޫ ގުޅާލުން، ލ. ކަލައިދޫ އާއި ލ. ދަނބިދޫ ގުޅާލުން އަދި މ. މުލި އާއި މ. ނާލާފުށި ގުޅާލުމުގެ މަޝްރޫއު ހިމެނެ އެވެ.
ސަރުކާރުގެ ހިންގާ މުހިންމު މަޝްރޫއުތަކުގެ ލިސްޓަސް ރަށްރަށުގައި ފެން އުފައްދާ ޕްލާންޓް މަރާމާތުކޮށް އަޕްގްރޭޑް ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކޮށް އެކްސްޓެންޑްކުރުމުގެ މަޝްރޫ އާއި ފަނާވާ ޒާތުގެ ކުނިން ކާދު ހަދާ ޕްލާންޓް (ކޮމްޕޯސްޓިން ޕްލާންޓް) 50 ރަށެއްގައި ގާއިމުކުރުމުގެ މަޝްރޫއު ވަނީ އިތުރުކޮށްފަ އެވެ.
މީގެއިތުރުން 10 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުން (ސިވިލް ވޯކްސް އާއި ވޭސްޓް މެނޭޖްމަންޓް އިކުއިޕްމަންޓްސް) މަޝްރޫއު އަދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރުމުގެ މަޝްރޫއުވެސް ލިސްޓަށް އިތުރުކޮށްފައިވާއިރު، މަޝްރޫއުތައް ހިންގާ ރަށްތައް ހިމަނާފައެއް ނުވެ އެވެ.
މި ގަރާރު ނެރުނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ނޫންނަމަ ސަރުކާރުން ކަނޑައަޅާ އެ ނޫން ވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކޮންމެ އަހަރަކު އެއްފަހަރު އާންމުކުރަން ޖެހޭތީ އެވެ.
ފައިސާ ހޯދަން އިއުލާންކުރި މަޝްރޫއުތަކުން ރަށްތަކުގެ ނަން އުނިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ