ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރީވެސް ދިރާސާ ކުރުމެއް ނެތި، މިހާރުގެ ބޭނުމަކީ ފައިސާ އިތުރު ކުރުން: މައުރޫފް

ރައްޔިތުންގެ ސިއްހަތަށް އިސްކަންދީގެން ސިޔާސަތުތައް ހުށަހަޅައި، ރަނގަޅު ދިރާސާއެއް ސަރުކާރުން ކުރިނަމަ ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށް ހުށަހަޅަން ނުޖެހުނީސްކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް ތަންފީޒު ކުރަން ފެށިތާ އަހަރެއް ނުވަނީސް، އަގު ދެގުނަ ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރު ފަރާތުން ހުށަހެޅި އިސްލާހުގެ ބަހުސް މަޖިލީހުގައި ވަނީ ފަށާފަ އެވެ.
އިސްލާހުގެ ބަހުސްގައި މައުރޫފް ވިދާޅުވީ ދައުލަތަށް އާމްދަނީ އިތުރުކުރުމަށްޓަކައި ސަރުކާރުން އެއްވެސް ހަމައެއްލަމައެއް ނެތް ސިޔާސަތުތަކެއް ތަންފީޒު ކުރަމުންދާ ކަމަށެވެ.
މައުރޫފް ވިދާޅުވި ގޮތުގައި، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 3.50 ލާރިން 8 ރުފިޔާއަށް ބޮޑުކުރުމުގެ ސަބަބުން ޒުވާން ޖީލަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މައުރޫފް ފާހަގަކުރެއްވި ގޮތުގައި އަގު އިންތިހާއަށް އުފުލުމުން، ގިނަ ޒުވާނުންނަށް މަޖުބޫރުވީ ސިއްހީ ގޮތުން ނުރައްކާތެރި ބިޑި ފަދަ ތަކެތި ބޭނުންކުރުމަށެވެ.
މިއީ އެއްވެސް ދިރާސާ ކުރުމެއް ނެތި ބިލުތައް ހުށަހެޅުމުގެ ނަތީޖާކަމަށް ސިފަކުރައްވައި މައުރޫފް ވިދާޅުވީ، ރައްޔިތުންގެ ސިއްހަތަށް އިސްކަންދީގެން ސިޔާސަތުތައް ހުށަހެޅިނަމަ މިއަދު ކުރީގެ ނިންމުމެއް ބަދަލު ކުރަން ނުޖެހުނީސް ކަމަށެވެ.
މައުރޫފް ވިދާޅުވީ، ސަރުކާރުން ޑިއުޓީ ކުޑަކުރަނީ ރައްޔިތުންނަށް ހެޔޮއެދިގެން ނުވަތަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ލަފަޔަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ ކޮންމެ ގޮތަކުން ނަމަވެސް ދައުލަތަށް ފައިސާ ވެއްދުމުގެ ބޭނުމުގައި ކުރާކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ސިނގިރޭޓާއި ބިޑީގެ އިތުރުން ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ބަދަލުކޮށް އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތައަށް ކަނޑައެޅުމަށެވެ. އަދި ނިކޮޓިން ޗުއިންގަމާއި ޕެޗް ފަދަ ސިއްހީ ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުން ވެސް މި އިސްލާހުގައި ހިމެނެއެވެ.
މި ބަދަލު ގެނައުމަށް ނިންމައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ޑިއުޓީ ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއްކަމަށާއި، އަގު ކުޑަކުރަން ނިންމީ ޑަބްލިޔުއެޗްއޯގެ އިރުޝާދުގެ ދަށުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ