ޝަރުއީ ދާއިރާ މުވައްޒަފުންނަށް ސިޔާސީ ޕާޓީތަކާއި ސިޔާސީ ހަރަކާތްތަކުގައި އުޅެވޭ ގޮތް ހަދައިފިއެވެ.
މިގޮތަށް ހަދާފައިވަނީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާއްމު ކުރި އެ ގަވާއިދަށް ގެނައި އިސްލާހެއްގެ ގޮތުގައި، ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވެވޭ ގޮތަަށް އޮތް ބާބު ވަނީ އުނިކޮށްފައެވެ. އެއީ ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުން އެއްކިބާވެ ތިބުމުގައި އަމަލުކުރާނެ މިންގަނޑު ކަނޑައަޅާފައިވާ އެ ގަވާއިދުގެ 27 ވަނަ ބާބެވެ.
އެ ބާބުގައި ބުނަނީ ޝަރުއީ ދާއިރާއަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ހައްގުތައް ހަމަހަމަކަމާއެކު ރައްޔިތުންނަށް ހޯދައިދީ އަދުލު އިންސާފު ގާއިމުކޮށް، ގާނޫނުގެ ބާރު ނަގަހައްޓައި މުޖުތަމައުގެ އަފްރާދުންގެ މެދުގައާއި ސިޔާސީ ހަރަކާތްތަކުން އުފެދޭ މައްސަލަތަކުގައި އިންސާފުވެރި ނިޔާ އިއްވުމުގެ މަސައްކަތްކުރާ ބާރު ކަމަށެވެ.
ސިޔާސީ ޕާޓީއެއްގެ ނުވަތަ ކެނޑިޑޭޓެއްގެ ކާމިޔާބީއަށާއި ކުރިއެރުމަށާއި އަދި އެފަދަ ފަރާތެއްގެ ކުރިއެރުމަށް ހުރަސް އެޅުމަށް ކުރާ ކޮންމެ ކަމަކީ މި އުސޫލުގެ ބޭނުމަށްޓަކައި ސިޔާސީ ހަރަކާތްކަމުގައި ބެލެވޭނެ ކަމަށްވެސް އެ ބާބުގައި ބުނެފައިވެއެވެ.
އެހެންކަމުން ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރުމާއި، ވަޒީފާއެއް އަދާ ކުރުމާއި، ސިޔާސީ ޕާޓީއެއްގެ އެއްވެސް ކޮމިޓީއެއްގެ މެންބަރުކަން ކުރުމާއި، ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމިއްޔާ ޖަމާއަތެއް ނުވަތަ އެފަދަ ކުލަބެއްގެ އެއްވެސް ޖަލްސާއެއްގައި ތަގުރީރުކުރުމާއި، ގަރާރާއި ހުށަހެޅުން ހުށަހެޅުމާއި، އެކަމުގައި ބައިވެރިވުމާއި އެފަދަ ބައްދަލުވުމެއްގެ ލިޔެކިޔުން ލިޔެ ބެލެހެއްޓުމަކީ މަނާ ކަމެއް ކަމަށެވެ. މީގެ އިތުރުންވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާ ކުރާ އެތައް ކަންތައްްތަކެއް މި ބާބުގައި ހިމަނާފައިވެއެވެ. އަދި އެފަދަ ކަމެއް ކުރާ މުވައްޒަފަކާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މި ގަވާއިދަށް ގެނައި އިސްލާހުން 27 ވަނަ ބާބު އެއްކޮށް ވަނީ އުނިކޮށްފައެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް މީގެ އިތުރުންވެސް ބައެއް މުހިއްމު ބަދަލުތައް ވަނީ ގެނެސްފައެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި އުޅެވޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ