ރާއްޖޭގައި ވީޗެޓް ޕޭ ފެށުމަށް މަޝްވަރާކޮށްފި

ދުނިޔޭ މަޝްހޫރު އީ-ވޮލެޓްތައް ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވީޗެޓްގެ ރީޖަނަލް ޑިރެކްޓަރާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ބައްދަލުކުރައްވައިފިއެވެ.
ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވީޗެޓް ޕޭ ގެ ރީޖަނަލް ޑިރެކްޓަރާއި މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގަައި ރާއްޖޭގައި ވީޗެޓް ފެށުމަށް މަޝްވަރާތައް ކުރެވުނު ކަމަށް ވިދާޅުވިއެވެ.
ވަޒީރު ސައީދު މީގެ ކުރިން ވަނީ ދުނިޔޭގެ މަޝްހޫރު އީ-ވޮލެޓުތައް ރާއްޖޭއަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވާފައެވެ. އަދި އެ މަސައްކަތަށް ސަރުކާރަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދެއްވުމަށް ސައީދު ރައްޔިތުންގެ ކިބައިން އެދިވަޑައިގަތްފައިވެއެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮރެއާ، ޖަޕާން، ޗައިނާ، ޔޫއެސްއ،ޭ ސިންގަޕ،ޯ މެލޭޝިޔާ، އިންޑިއ،ާ ޔޫއޭއ،ީ މިހެން ގޮސް ހުރިހާ ވަރުގަދަ އީ ވޮލެޓެއް ރާއްޖޭ ގެންނަން ވަރަށް ބާރަށް މަސައްކަތް ކުރަން." ވަޒީރު ސައީދު ވިދާޅުވެފައިވެއެވެ.
ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކުން ދިވެހީންނަށް ރާއްޖެއިން ބޭރަށް މުއާމަލާތް ކުރެވޭ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެގޮތުން، ބީއެމްއެލްއިން ވަނީ ވަރަށް ފަހުން މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން އެ ބޭންކުން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް މުއާމަލާތް ކުރެވޭގޮތް ހަމަޖައްސާފައެވެ.
ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި އެ ބަދަލާއެކު، ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
އެ ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑު ވެސް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ