މިއުޅެނީ ބިދޭސީން ހިފާ ހައްޔަރު ކުރާކަށް ނޫން - އިޙްސާން

ކ. ހިންމަފުށީގައި މިއަދު ފަށައި މުޅި ރާއްޖޭގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ "އޮޕަރޭޝަން ކުރަންގި"ގެ މަޤްސަދަކީ ރާއްޖޭގައި ތިބި ބިދޭސީން ހިފާ ހައްޔަރުކޮށް އަނބުރާ ގައުމަށް ފޮނުވާލުން ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ފެއްތުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ފެށުމަށް ހިންމަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގައުމީ ސެކިއުރިޓީއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. ނަމަވެސް "އޮޕަރޭޝަން ކުރަނގި" ގެ ބޭނުމަކީ ބިދޭސީން ހައްޔަރުކޮށް އަނބުރާ ފޮނުވާލުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިވަގުތު މި އޮޕަރޭޝަނުގެ އެއްވެސް ވިސްނުމެއް ނޫން މީހުން ހިފާ ހައްޔަރުކޮށް ބޭރަށް ފޮނުވާލުމަކީ، މިވަގުތު އޮޕަރޭޝަންގެ ފުލް ފޯކަސްއަކީ މީހުންތައް ދެނެގަނެ ކާކު ހުރީ ކޮންތާކުތޯ ކީއްކުރަނީތޯ އެމީހާ، އެމީހާގެ އައިޑެންޓިޓީއަކީ ކޮބައިތޯ މި ކަށަވަރުކުރުން." އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، ހިންމަފުށީގައި ކޮންސްޓަރަކްޝަން މަސައްކަތާއި، ކެއްކުން އަދި ކުނިކެހުމުގެ މަސައްކަތުގައިވެސް ބިދޭސީން މަސައްކަތްކުރަމުންދާ ކަމަށާއި މިފަދަ ބައެއް މީހުންނަކީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށެވެ.
ރާއްޖޭގައި ޤަވައިދު ހެދިފައި އޮތް ގޮތުން އެކެއްގެ ނަމުގައި ނުވަތަ އެއް ކުންފުންޏެއްގެ ނަމުގައި ރާއްޖެ އެތެރެކޮށްފައި ހުންނަ މީހަކު އެހެން ކުންފުންޏެއްގައި މަސައްކަތް ކުރަން ދިޔުމަކީ އޭގެ ޒާތުގައި ޤަވައިދާ ޚިލާފުވުން ކަމަށާއި އެއީ ރާއްޖޭގައި މިހާރު ވަރަށް އާންމު ކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން އިޖްތިމާއީ ގިނަ މައްސަލަތައް ފެންމަތިވެ ދައުލަތުގެ ސެކިއުރިޓީއަށް އޭގެ އަސަރު ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
"ވަރަށް ގިނަ ފަރާތްތަކުން ދާއިމީ ގޮތެއްގައި އެކަން ކުރައްވަމުން އެބަ ގެންދަވާ." އިހުސާން ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ، މިއަދު ފެށިގެން ކުރިއަށް ދާ އޮޕަރޭޝަން ތެރޭގައިވެސް ވަގުތުން އެމީހާ ލީގަލައިޒް ނުވަތަ ރެގިއުލައިޒް ކުރެވެންޏާ ވަގުތުން އެކަން ކޮށްދޭނެ ކަމަށެވެ. އެގޮތުން ފިލައިގެން އުޅޭ ބިދޭސީންވެސް އެމީހަކު ބޭނުންވާ ރަށެއްގައި ބޭނުން މީހެއްގެ ނަން މައްޗަށް ބަދަލުވުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ