އިންތިހާބު ގެއްލުނު ސަބަބު ދެނެގަންނަން އެމްޑީޕީން ދިރާސާއެއް ހަދަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގެއްލިގެންދިޔަ ސަބަބު ބަލައި ދިރާސާކޮށް، ޕާޓި ކުރިއަށްގެންދާނެ ގޮތާ މެދު މަގުޗާޓެއް އެކުލަވާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.
ރިޔާސި އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއެއް ލިބިފައެވެ. ކުރިން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީއަށް މިފަަހަރު 12 ގޮނޑި ލިބިފައިވާއިރު، ވާދަވެރި ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދައިފައެވެ.
ރޭ ބޭއްވި އެމްޑީީޕީގެ ގައުމީ މަޖިލީހުގައި އެކަމާއި ގުޅިގެން މަޝްވަރާކޮށް ގިނަ ކަންތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރައްޔިތުން އެމްޑީޕީ އާ ދޭތެރޭ ދެކޭގޮތާއި އެ ޕާޓީގެ ކުރިމަގު ބިނާކުރާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލުމަށް ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.
ބޮޑު ނާކާމީޔާބީއާއެކު އެމްޑީޕީގެ ލީޑާޝިޕް އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ގޮވާލާފައިވާތީ އެކަމަށް ރައްދު ދެއްވަމުން އެޕާޓިގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، އެފަދަ ވިސްނުމެއް އަދި އެޕާޓީއަކު ނެތް ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް މުސްތަގުބަލުގައި، އެ ޕާޓިގެ ލީޑާޝިޕު ބަދަލު ކުރުމަށް މެމްބަރުންނަށް ފެންނަ ނަމަ އެކަންވެސް ކުރާނެ ކަމަށާއި މިއީ ޕާޓީ ނަގައި ކޮޅަށް ޖަހަން ބަދަލުވެސް ގެންނަންވެސް ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ ދިރާސާކުރާނީ އިންތިހާބު ގެއްލިގެންދިޔަ ސަބަބު ދެނެގަތުމަށް. ދެން އަޅުގަނޑުމެންގެ މި ޕާޓީ، އެމްޑީޕީ އާ ދޭތެރޭ ރައްޔިތުން ދެކޭގޮތްވެސް ބަލާނަން. އަދި އެއަށްފަހު އެމްޑީޕީ ބިނާކުރުމަށް މަސައްކަތް ފަށައި ދިރސާތައް ކުރުމަށްފަހު މަގުޗާޓު އެކުލަވާލަން މިވަނީ ފާސްކޮށްފަ." އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ އެ ޕާޓޯން ޖެހިޖެހިގެން އިންތިހާބުން ބަލިވާ ފުރަތަމަ ފަހަރު ނޫން ކަމަށެވެ.
ޝާހިދު ވިދާޅުވީި އެމްޑީޕީ އަލުން ތަރުތީބުވެލައިގެން ނުކުމެ އެމްޑީޕީގެ ފަލްސަފާތަކާ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި ޕާޓީގެ މެމްބަރުން އަތާއި އަތް ގުޅާލައިގެން އަނެއްކާ ވެސް ބާރަށް މަސައްކަތް ފަށާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ