ވަޒީރުންނަަށް ރުހުން ނުދިނުމަކީ އަމިއްލަ އެދުން ކުރިއަށްނެރެ ގައުމު ހަލާކުކުރަން ކުރާ މަސައްކަތެއް: ގާސިމް

ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންނަށް ރުހުން ނުދިނުމަކީ އަމިއްލަ އެދުން ކުރިއަށް ނެރެގެން ކުރާ މަސައްކަތް ކަމަށް މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވުނު ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ބޭފުޅަކަށް ރުހުން ނުދިނުމަކީ ގައުމު ހަލާކުކޮށްލުމަށް ކުރާ މަސައްކަމަށާއި ގައުމު އޮތީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. ގައުމުގެ ދަރަނިތައް އިނތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިގޮތަށް ރުހުންނުދީ "ޖެއްސުން" ކޮށްގެން ކުރާ ކަންތައްތަކުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ކުރިއެރުމެން ނެތް ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.
Advertisement
"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ބޭފުޅަކަށް ރުހުން ނުދިނުމަކީ ގައުމު އިދަ ޖައްސާލުމާއި ގައުމު ހަލާކުކޮށްލުމަށް ތިބޭފުޅުން ކުރައްވާ މަސައްކަތް. ތިބޭފުޅުންގެ އަމިއްލަ އެދުން ކުރިއަށް ނެރުއްވައިން ކުރައްވާ މަސައްކަތްކަން ޔަގީން. "
ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ގާސިމް ވިދާޅުވީ އިދިކޮޅުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތް ނަމަވެސް ރައްޔިތުން ސަރުކާރު ބަދަލުކުރީ ކުރީގައި އޮތް ސަރުކާރު ކަމުނުދާތީ ކަމަށެވެ. އެހެންކަމުން ރައްޔިތުން ހޮވި ސަރުކާރު ބޮލާލައި، ކޮޅުފައިން ޖެހުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫންކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އެއީ ވަރަށް ހަޑި ހުތުރު، ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ. 
ރައްޔިތުން އިޚްތިޔާރުކުރި، ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ހޮވާފައިވާ ރައީސުލްޖުމްހޫރިއްޔާއަކު ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ފޮނުއްވާފައިވާ ވަޒީރުންގެ މަޖިލީސް، މަޖިލީހުގެ ކޮމިޓީން ބެލި އިރު، އެއްވެސް މައްސަލައެއް ނެތް ކަމަށް ކޮމިޓީން ނިންމެވި ނިންމެވުމަށް މަރުހަބާ ވިދާޅުވެ، ގާސިމް ވަނީ ރައީސް ޑރ.މުއިއްޒުގެ ވަޒީރުންގެ ކެބިނެޓަށް ރުހުން ދިނުމަށް ގޮވާލައްވާފައެވެ.
މިމޭރުމުން ގާސިމް ވާހަކަފުޅު ދައްކަވަމުންދަނިކޮށް މަޖިލީހުގެ ތަޅުން ހޫނުވެ، ބައެއް މެމްބަރުން ވަނީ އަޑުގަދަކޮށް ގާސިމްގެ ވާހަކަފުޅު ދެފަހަރެއްގެ މަތިން މެދުވެސް ކަނޑާލާފައެވެ. މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މެދުހެންވޭރު ދާއިރާ ގެ މެމްބަރު އަލީ އާޒިމް ގެ ނަން އިއްވަވާ، ގަވާއިދާއި އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދަން ޖާގަ ދިނުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ