ސަރުކާރުގެ ނިންމުމާ ދެކޮޅަށްް، މިރޭ ކަރަންޓު ކަނޑާލުމަށް އީކޯ ކެއަރއިން ގޮވާލައިފި

އާރތު އަވަރ ފާހަގަކުރުމުގެ ގޮތުް މިރޭ މާލެއިން ކަރަންޓު ކަނޑާލުން ސަރުކާރުން މަނާ ކޮށްފައި ވީ ނަމަވެސް، މިރޭ ކަރަންޓު ކަނޑާލައި، އާރތު އަވަރގައި ބައިވެރިވުމަށް ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ ދިވެހި ޖަމިއްޔާ އީކޯ ކެއަރ މޯލްޑިވްސްއިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އާރތު އަވަރ މޯލްޑިވްސްއިން މިރޭ އާރތު އަވަރ ފާހަގަކުރުމަށް މާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ހަރަކާތް ކަމުގައިވާ ކަރަންޓު ކަނޑާލުމާއި މިއުޒިކް ޝޯވ ބޭއްވުން މަނާ ކުރުމަށް ސަރުކާރުން ނިންމި ނިންމުމާ މެދު ނުރުހުން ފާޅުކުރާ ކަމަށެވެ.
ހޯމް މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރ ތަޒްމީލް އަަބްދުލްސަމަދު މިއަދު “ވަގުތަަށް” ވިދާޅުވީ، ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ، މިރޭ މާލެއިން ކަރަންޓު ކަނޑާލުމާއި، މިއުޒިކް ޝޯވ ބާއްވައި އެތަންތަނަށް އެއްވުން މަނާ ކޮށްފައި ކަމަށެވެ.
ތަޒްމީލް ވިދާޅުވީ، އެކަމުގެ ސަބަބަކީ ނިމިދިޔަ ހަފްތާގައި މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މާރާމާރީގެ ގިނަ ހާދިސާތަކެއް ހިނގާފައި ވާތީއާއި، މާލޭގެ އެކި ތަންތަނުގައި ހުޅުޖެހުމުގެ ހާދިސާތަކެއްވެސް ބަޔަކު ހިންގާފައި ވާތީ ކަމަށެވެ.
“އާރތު އަވަރ ފާހަގަ ކުރުމަށް އެއްވެސް ކަހަލަ ހުއްޓުމެއް އައުމަށް ބޭނުން ނުވާ ކަމަށާއި، އެހެން ނަމަވެސް އެންމެ މުހިންމު ކަމަކީ މުޖުތަމަޢާއި ރައްޔިތުންްގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް މިނިސްޓަރ ވިދާޅުވީ،” ތަޒްމީލް ވިދާޅުވިއެވެ
އީކޯ ކެއާރ މޯލްޑިވްސްގެ ބަޔާނުގައި ބުނެފައި ވަނީ، އާރތު އަވަރ މޯލްޑިވްސްގެ ކަންޓްރީ ޓީމާއި އެ ޓީމުގެ ޕާޓްނަރ ޖަމިއްޔާތަކުން، އާރތު އަވަރ ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތަކަށް ތައުރީފް ކުރާ ކަމަށެވެ.
އަދި، ސަރުކާރުން މިކަމާ ދެކޮޅު ހަދާފައި ވީ ނަމަވެސް، މިރޭ 20:30 އިން 21:30 އާ ދެމެދު ހުރިހާ ޖަމިއްޔާތަކާއި މުއައްސަސާތަކާއި ވިޔަފާރިތަކާއި އޮފީސްތަކުންވެސް ކަރަންޓު ކަނޑާލައި، އާރތު އަވަރ މޫވްމެންޓްގައި ބައިވެރިވުމަށް ގޮވާލާ ކަމަށް އީކޯ ކެއާރގެ ބަޔާނުގައ ވެއެވެ.
އަދި މި ހަރަކާތުގައި ވަކިވަކި ރައްޔިތުންވެސް ފަރުދީ ގޮތުން ބައިވެރިވެވޭނެ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފަރުދީ ފެންވަރުންވެސް ކުރެވޭނެ މަސައްކަތް ކުރުމަށް މި ހަރަކާތުގައި ބައިވެރިވުމަށް އީކޯ ކެއާރއިން ގޮވާލާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ