ރާއްޖޭގެ ބިމުން ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކް ކޮށްދިނުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިނަށް ދަންނަވައިފި އެވެ.
ރައީސް މައުމޫން މިކަމަށް އެދިވަޑައިގެންނެވީ އެމަނިކުފާނު ސޮއިކުރައްވާ މިއަދު ރައީސް ޔާމިނަށް ފޮނުއްވި ސިޓީއެއްގަ އެވެ.
އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓެއް ރާއްޖޭގައި ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކޮށްދެވޭ ގޮތަށް ގާނޫނު އަސާސީގެ 251 މާއްދާ އިސްލާހު ކުރުމަށާއި ގާނޫނު އަސާސީގެ 301 ވަނަ މާއްދާގެ ފަހަތަށް އިތުރު އަށް މާއްދާ ހިމެނޭ ގޮތުން 15 ވަނަ ބާބުގެ ގޮތުގައި ބާބެއް އިތުރުކުރުމަށް މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފަ އެވެ.
ރޭ ބޭއްވި މަޖިލީހުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އެވެ.
މިބިލާއި ގުޅިގެން މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވީ ދިވެހިރާއްޖޭގެ ބިން މިލްކް ކުރުމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ އޭގެ ސަބަބުން ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ދެރަ ގޮތްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ބިމަކީ ހަމައެކަނި މިވަގުތު ދިރިތިބި ދިވެހި ރައްޔިތުންގެ ހައްގެއް ނޫން ކަމަށާއި އެއީ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނާއި އަންނަން އޮތް ޖީލުތަކުގެ ވެސް ހައްގެއް ކަމަށެވެ. ދިވެހިރާއްޖޭގެ ބިމުން ކިތަންމެ ކުޑަ ތަންކޮޅެއް ވިޔަސް މިލްކް ކުރުމުގެ ހައްގު ރާއްޖޭގެ އެއްވެސް ސަރުކާރަކުން މީގެކުރިން ބޭރު ބަޔަކަށް ދެއްވާފައި ނުވާ ކަމަށްވެސް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. އެގޮތަށް ސަރުކާރުތަކުން އަމަލުކުރީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި މުއްސަނދިކަމަށް ނުފޫޒު ފޯރުވުމުގެ ބާރު ބޭރުގެ އެއްވެސް ފަރާތަކަށް ދޫކޮށް ނުލެއްވުމުގެ މުހިއްމު ގައުމީ މަސްލަހަތު ރައްކާތެރި ކުރެއްވުމުގެ ގޮތުން ކަމަށް ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑު މިވާހަކަ މި ދަންނަވަނީ މަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ އިގްތިސޯދީ ތަރައްގީއަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ހުރަސް އެޅުމުގެ ގޮތަކުން ނޫނެވެ. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރިހާ ދުވަސްވަރުވެސް މަސައްކަތް ކޮށްފައިވާނީ ދިވެހިރާއްޖެއަށް ފުޅާ ދާއިރާއެއްގައި އިގްތިސޯދީ ތަަރއްގީ ގެނެސްދެވޭތޯ އެވެ. މިރޮނގުން މަނިކުފާނުގެ ސަރުކާރުން ކުރައްވާ ހުރިހާ މަސައްކަތްތަކަކަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަމެވެ،" މައުމޫންގެ ސިޓީގައިވެ އެވެ.
މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ މުސްތަގުބަލަށާއި އަންނަ އޮތް ޖީލުތަކަށް އަސަރުކުރާ ފަދަ މިފަދަ މުހިއްމު ބަދަލެއް ގާނޫނު އަސާސީއަށް ގެނައުމަށް ހުށަހެޅިފައި ވަނީ އެކަށީގެންވާ ވަަރަށް އެއްވެސް ދާއިރާއެއްގައި ބަހުސް ނުކުރެވި އަދި އެއްވެސް ވަރަކަށް ރައްޔިތުންގެ ހިޔާލުވެސް ހޯދުމެއް ނެތި ކަމަށެވެ. އެހެންކަމުން މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހު ފާސްކުރިޔަސް އެ އިސްލާހު ތަސްދީގު ކުރެއްވުމުގެ ކުރިން އެކަމުގައި ރައްޔިތުންގެ ބަހެެއް ހޯއްދެވުމަށް މައުމޫންގެ ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޏ)ގައިވާ ގޮތުގެ މަތިން ގައުމީ މުހިއްމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެއް ކަންވެސް މައުމޫންގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
މައުމޫން ވިދާޅުވީ މިމައްސަލާގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާ ރައްޔިތުންގެ އަގުލަބިއްޔަތު އެދޭ ގޮތަށް މިމައްސަލަ ނިންމުމަކީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ރައީސް ޔާމިންގެ އިއްޒަތާއި ގަދަރު އުފުލިގެން ދާނެ ކަމެއް ކަަމަށެވެ. އަދި އެގޮތަށް އަމަލުކޮށްފިނަމަ އަންނަން އޮތް ޖީލުތަކުގެ ޝުކުރާއި ތައުރީފް ރައީސް ޔާމިނަށް ލިބިވަޑައިގަނަވާނެ ކަމުގައިވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑު މިއަދު އިއްޒަތްތެރި މަނިކުފާނަށް މިވާހަކަ މިދަންނަވަނީ ގައުމަށް ހެޔޮއެދޭ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުންނެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭއިރު އޭގެތެރެއިން 30 އަހަރު ދުވަހުގެ މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރެ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމުގައި ދިމާވި ގޮންޖެހުންތަކާއި ކުރިމަތިލާ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅުގަނޑަށް ކުރެވެން ހުރިހާ މަސައްކަތެއް ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ނުހަނު އިހްތިރާމާއި އިހްލާސްތެރި ކަމާ އެކުގަ އެވެ،" މައުމޫންގެ ސިޓީގައިވެ އެވެ.
ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކޮށްދެވޭ ގޮތަށް ގާނޫން އަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ދަންނަވާފައި ވާނެ ކަމުގައި ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ވިދާޅުވެފަ އެވެ.
އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓެއް ރާއްޖޭގައި ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކޮށްދެވޭ ގޮތަށް ގާނޫން އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު މިހާރު ވަނީ ކޮމިޓީން ފާސްކޮށްފަ އެވެ. މަޖިލީހުގެ ތަޅުމުން މިއަދު މިއިސްލާހާ ގުޅޭގޮތުން ގޮތެއް ނިންމާނެ އެވެ.
ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކޮށްދެވޭ ގޮތަށް ގާނޫން އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލް ދިރާސާކުރީ ރޭ ބޭއްވި ޖަލްސާގައި ހޮވި 11 މެމްބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
މިބިލްގައިވާ ގޮތުން ރާއްޖެ އިން ބިން ވިއްކާނީ އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބޭރުގެ ފަރާތްތަކަށެވެ. އެފަރާތްތަކަށް ވިއްކާ ބިމަކީ އެ އިންވެސްޓަރު އަމިއްލައަށް ރާއްޖޭގެ ފަޅުން ބައެއް ހިއްކުމުން އެތަނެއްގައި ކުރާ އިންވެސްޓްމަންޓަކަށް ޔަގީންކަން ދިނުމަށް ވިއްކާ ބިމެއް ކަމުގައި ބިލްގައިވެ އެވެ. ބިލްގައިވާ ގޮތުން އިންވެސްޓަރު ހިއްކަން ޖެހެނީ އޭނާ އިންވެސްޓް ކުރަންޖެހޭ ބިމުގެ 70 އިންސައްތަ އެވެ.
ރާއްޖެއިން ބިމެއް ވިއްކި ނަމަވެސް އެ ބިން ގަންނަ ފަރާތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގުތައް ދިނުމާއި ގުޅިގެން އެ ސަރަހައްދެއްގެ މައްޗަށް އޮތް ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލިގެން ނުދާނެ ކަމަށް ބިލްގައި ވެއެވެ.
ގާނޫނު އަސާސީއަށް ހުށަހަޅާ އިސްލާހެއް ފާސްވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައި މެމްބަރުން އެ އިސްލާހަށް ތާއީދުކޮށް ވޯޓް ދެއްވުމުންނެވެ. އެއީ މަޖިލީހުގެ މިހާރު ހިމެނޭ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓެވެ. މި އިސްލާހު މަޖިލީހުން ފާސްވެއްޖެނަމަ ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކް ކޮށްދެވޭނެ އެވެ.
ބިދޭސީންނަށް ބިން މިލްކުކޮށްދޭން ވާނީ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށްފަހު: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ