އާޖެންޓީނާގެ މައްޗަށް ކުރި ހޯދާ ޖަރުމަނު ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދައިިފި

0-1 ގެ ނަތީޖާއަކުން އާޖެންޓީނާގެ މައްޗަށް ކުރި ހޯދާ ޖަރުމަނު ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ބްރެޒިލްގެ މަޝްހޫރު މަރަކަނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
އެގޮތުން މެޗުގެ 22 ވަނަ މިނެޓްގައި އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއެންއަށް ވަނީ މެޗުގެ ފުރަތަމަ ގޯލްޖަހަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް މުޅިން ހުހަށް އޮވެ ހިގުއެން ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަޑިކައިރިން ބޭރަށެވެ.
މެޗުގެ 30 ވަނަ މިނެޓްގައި ލަވެއްޒީ ދިން ޕާހަކުން ހިގުއެން ގޯލެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއްކަމަށް ދައްކާފަ އެވެ.
ޖަރުމަނުން މި މެޗުގައި އާޖެންޓީނާގެ ގޯލަށް ފޮނުވާލި ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ މެޗުގެ 36 ވަނަ މިނެޓްގަ އެވެ. މުލާ ދިން ޕާހަކުން ޖަރުމަނުގެ މިޑްފިލްޑަރު ޝޫލާ ކުރިއަށް ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރު ރޮމޭރޯ ވަނީ ހުޝިޔާރުކަމާ އެކީ ދިފާއުކޮށްފަ އެވެ.
އާޖެންޓީނާއަށް ވަނީ މެޗުގެ 40 ވަނަ މިނެޓްގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަަމަވެސް އާޖެންޓީނާގެ ކެޕްޓަން އަދި ފޯވާޑް ލައިނަލް މެސީ ޖަރުމަނު ޓީމުގެ ކީޕަރު ނޮޔާ ކައިރިން ވެސް ނައްޓާލުމަށްފަހު ކުރިއަށް ފޮނުވާލި ޖަރުމަނުގެ ޑިފެންޑަރު ބޯޓެންގް ވަނީ ގޯލުގެ ހުރަސް ރޮގުމަތިން ދިފާއުކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ ލީޑްނަގަން ޖަރުމަނު ޓީމުގެ ޑިފެންޑަރު ހޯވެޑްސް އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް ކްރޫސް ނަގައިދިން ކޯނަރު ބޮލުން ހޯވެޑްސް ކުރިއަށް ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަޑިއަށެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ އާޖެންޓީނާގެ ފޯވާޑް މެސީއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފަ އެވެ. ނަމަވެސް މެސީ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
މެޗުގެ ދެވަނަ ހާފްގައި ގިނަވަގުތު ޖަރުމަނުން ބޯޅަ ގެންގުޅުނު ނަމަވެސް އެޓީމަށް ދެވަނަ ހާފްގައި ގޯލްޖަހަން ލިބިފައިވަނީ މަދު ފުރުސަތުތަކެކެވެ. އޭގެތެރެއިން ވެސް މެޗުގެ 83 ވަނަ  މިނެޓްގައި އެޓީމުގެ މިޑްފިލްޑަރު ޓޯނީ ކްރޫސް ކުރިއަށް ފޮނުވާލި ބޯޅަ ފާހަގަކޮށްލެެވެ އެވެ.
މެޗުގެ 90 މިނެޓް ހަމަވިއިރުވެސް ނަތީޖާއަށް ބަދަލެއް ނައުމާ ގުޅިގެން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. 15 މިނެޓްގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ ޖަރުމަނުން ވަނީ އާޖެންޓީނާ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. ނަމަވެސް އެޓީމުގެ ޝޫލާ ކުރިއަށް ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރި ރޮމޭރޯ ވަނީ ދިފާއުކޮށްފަ އެވެ. މި ހާފުގައި އާޖެންޓީނާގެ ޕަލާސިއޯއަށް ވެސް ވަނީ ގޯލްޖަހާނެ ހުސް ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ޖަރުމަނުގެ ކީޕަރުގެ ބޯމަތިން ބޯޅަ ހިއްލާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލަން ޕަލާސިއޯ މަސައްކަތްކުރި ނަމަވެސް ބޯޅަ ދިޔައީ ބޭރަށެވެ.
15 މިނެޓްގެ ދެވަނަ ހާފްގެ 7 ވަނަ މިނެޓްގައި ޖަރުމަނުން ވަނީ މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނަގާފަ އެވެ. ޝޫލާ ދިން ޕާހެއް ވަރަށް ރީއްޗަށް މޭ މަތިން ކޮންޓްރޯލް ކޮށްލުމަށްފަހު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލި މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުން ކުޅެން ނިކުތް މާރިއޯ ގޮޓްޒޭ އެވެ.
މިއީ 1990 ވަނަ އަހަރަށްފަހު ޖަރުމަނު ވޯލްޑްކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އެޓީމް މި މުބާރާތް ކާމިޔާބުކުރި 4 ވަނަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.
މީގެއިތުރުން މި މުބާރާތުގެ ޗެމްޕިއަންކަން ޖަރުމަނު ހޯދުމުން ވެގެންގޮސްފައިވަނީ ސައުތް އެމެރިކާގައި ބޭއްވި ވޯލްޑްކަޕެއް ޔޫރަޕްގެ ޓީމަކުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މިއީ އާޖެންޓީނާ އާއި ޖަރުމަނު މި މުބާރާތުގެ ފައިނަލްގައި ކުޅުނު 3 ވަނަ ފަހަރެވެ. މީގެކުރިން މި ދެ ޓީމް ވަނީ 1986 އަދި 1990 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލްގައި ބައްދަލުކޮށްފަ އެވެ. 1986 ވަަނަ އަހަރުގެ ވޯލްޑްކަޕް 2-3 ގެ ނަތީޖާއަކުން ޖަރުމަނު ބަލިކުރުމަށްފަހު ނެގީ އާޖެންޓީނާއިންނެވެ. 1990 ވަނަ އަހަރުގެ ވޯލްޑްކަޕް 0-1 ގެ ނަތީޖާއަކުން އާޖެންޓީނާގެ މައްޗަށް ކުރި ހޯދާ ކާމިޔާބުކުރީ ޖަރުމަނުންނެވެ.
ފައިނަލުން ޖަރުމަނާ ބައްދަލުކޮށް 2 ފަހަރު މި މުބާރާތުގެ ތަށި ހޯދާފައިވާ އާޖެންޓީނާ ބަލިވެގެންދިޔައިރު މިފަހަރަކީ މިއީ އާޖެންޓީނާ 24 އަހަރަށްފަހު މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލަންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ