ކާށިދޫއާއި ނޭކުރެންދޫ ޖަލުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: އުމަރު

ލުއި ޖަލުތަކެއްގެ ގޮތުގައި ސަރުކާރުން ހަދަން ނިންމާފައިވާ ދެ ޖަލެއްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޗެނަލް 13ގެ "ނިއުސްޓޯކް"ގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ އަންނަ އަަހަރު މަސައްކަތް ފަށާ ދެ ޖަލަކީ ހދ. ނޭކުރެންދު އާއި ކ. ކާށިދޫގައި ހަދާ ޖަލު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ޖަލު ހެދުމަށް ބޭނުންވާ ފައިސާއާއި ބިން މިހާރު ހަމަޖެހިފައިވާތީ އަންނަ އަހަރު މި ޖަލުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
މިިނިސްޓަރު އުމަރު އިތުރަށް ވިދާޅުވީ މި ޖެލަ ނިމުމުން ކ. މާފުށި ޖަލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ. އަދި އަލަށް ޖަލު ހަދާ ދެ ރަށުގައި އެމަސައްކަތް ނިމުމުން ގިނަ އަދަދެއްގެ ވަޒީފާތައް އުފެދިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މި ދެ ޖަލުގެ މަސައްކަތް ނިމޭނެ ވަކި ދުވަހެއް ވިދާޅުވެފައެއް ނުވެ އެވެ.
ކާށިދޫގައި 600 މީހުންގެ ލުއި ޖަލެއް ހަދާއިރު ނޭކުރެންދޫގައި ހަދަން ނިންމާފައިވަނީ 300 މީހުންގެ ޖާގައިގެ ޖަލެކެވެ. ކާށިދޫގައި ޖަލު ހަދަން 143 މިލިއަން ރުފިޔާއަށް މި މަޝްރޫއު ސަރުކާރުން ވަނީ އައިމާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ. ނޭކުރެންދޫ ޖަލު ހަދަން ބަޔަކާ ހަވާލުކުރި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
ނޭކުރެންދޫ އާއި ކާށިދޫގައި ޖަލު ހަދާ ސަރަހައްދުގެ ބިން ވަކިކުރެވި އެތަންތަނުގައި ހުރި ރުށްގަހަށް ބަދަލުދީ މިހާރު ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ