އަބްދުﷲ ހަމީދު ޖޭއެސްސީ އަށް ހަމަޖައްސައިފި

ޖުޑީޝަލް ސަވިސް ކޮމިޝަނަށް ހައިކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު ނ. ހެނބަދޫ ނޫރާނީމާގޭ އަލްއުސްތާޛު އަބްދުﷲ ހަމީދު، އެ ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހަމަޖައްސަވައިފި އެވެ.
އަބްދުﷲ ޙަމީދު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ގާޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މިނިވަން ޝަރުއީ ނިޒާމެއް ގާއިމު ކުރެއްވުމަށް އަބްދުﷲ ހަމީދު މަސައްކަތް ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މިރަސްމިއްޔާތުގެ ކުރިން، ހައިކޯޓުގެ ފަނޑިޔާރު އައްޝައިހު ޔޫސުފް ހުސައިންގެ ކުރިމަތީގައި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، އަލްއުސްތާޛު އަބްދުﷲ ހަމީދު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ