ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ދުވަސްވަރު މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ފުލުހުންގެ އިދާރާގައި ނެތް ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ރިޔާޒު ރަޝީދު މިހެން ވިދާޅުވީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ވެރިކަން ކުރާ ޕީޕީއެމްގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަޅުއްވާފައިވާ އިސްލާހުގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުންނެވެ.
މަޖިލީހުގެ މިޖަލްސާގައި ރިޔާޒު ރަޝީދު ވަނީ މެންބަރު އަބްދުﷲ ރިޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އެގޮތުން ރިޔާޒު ވިދާޅުވީ އަބްދުﷲ ރިޔާޒު ޕޮލިސް ކޮމިޝަނަރަކަށް ހުންނަވައިގެން ކުރިއަށް ގެންދިޔަ ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ފުލުހުންގެ އިދާރާގައި ނެތް ކަމަށެެވެ. އަދި އެކަމާ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ޑރ. އަފްރާޝީމްގެ ތަހުގީގު ލިޔެކިޔުންތައް ފުލުހުންގެ އިދާރާގައި ނެތް ކަމަށް މެންބަރު ރިޔާޒު ރަޝީދު ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލް އޭނާ ހިއްސާކުރައްވާފައެއް ނުވެ އެވެ.
ރިޔާޒު ރަޝީދުގެ ތުހުމަތާ ގުޅިގެން މެންބަރު އަބްދުﷲ ރިޔާޒަށް ވީނިއުސް އިން ގުޅާލުމުން ރިޔާޒު ވިދާޅުވީ އޭނާ ފުލުހުންގެ ކޮމިޝަނަރަކަށް ހުންނެވި ދުވަސްވަރު ކުރިއަށް ގެންދިޔަ އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް ނައްތާލާފައި ނުވާނެ ކަމަށެވެ. އަދި އޭނާ ފުލުހުންގެ އިދާރާއިން ވަކިވެވަޑައިގެންނެވިއިރު ފުލުސް އޮފީހުގައި އެލިޔެކިޔުންތައް ހުންނާނެ ކަމަށާއި ފުލުހުންގެ އިދާރާއިން އެކަން ޔަގީންކުރެވޭނެ ކަމަށްވެސް އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.
"ތިބޭފުޅުންނަށް އަޅުގަނޑު މިދަންނަވާ އެއްޗެއް ފުލުހުންގެ އިދާރާއަށް ގުޅީމާ ޔަގީންވާނެ. ރިޔާޒު ރަޝީދު އަޅުގަނޑާ ގުޅުވާ ދައްކަވާފައި އެވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއް،" އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.
މެންބަރު އަބްދުﷲ ރިޔާޒު ޕޮލިސް ކޮމިޝަނަރަކަށް ހުންނަވައިގެން ކުރިއަށް ގެންދިޔަ ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ފުލުހުންގެ އިދާރާގައި ނެތް ކަމަށް މެންބަރު ރިޔާޒު ރަޝީދު ވިދާޅުވި ވާހަކަތައް ފުލުހުންގެ އިދާރާ އިން ވެސް ވަނީ ދޮގުކޮށްފަ އެވެ.
ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ ފުލުހުންގެ ތަހުގީގާ ގުޅޭ ލިޔެކިޔުންތަކަކީ އަބަދުވެސް ވަރަށް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ރައްކާކުރެވި ބެހެއްޓިފައިވާ ލިޔުންތަކެއް ކަމަށެވެ. އަދި ފުލުހުންގެ އިދާރާއިން އެއްވެސް މައްސަލައެއްގެ އެއްވެސް ލިޔެކިޔުމެއް ނައްތާލާފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވަނީ އަބްދުﷲ ރިޔާޒު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ދުވަސްވަރު އެވެ. އަބްދުﷲ ރިޔާޒު ވަނީ އޭނާގެ ކޮމިޝަނަރު ކަމުގައި ޑރ. އަފްރާޝީމްގެ ތަހުގީގަށް އެމެރިކާގެ އެފްބީއައިގެ އެހީތެރިކަން ވެސް ހޯދާފަ އެވެ.
އަބްދުﷲ ރިޔާޒު ސީޕީ ކަމުގައި ހުންނަވައިގެން ކުރިއަށް ގެންދިޔަ އަފްރާޝީމްގެ މަރުގެ ލިޔެކިޔުންތައް ފުލުހުންގެ އިދާރާއަކު ނެތް: ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ