އަމިއްލަ އެދުމާއި ދަހިވެތިކަމުން ދުރުވެ ގައުމު އިސްކުރުމަށް މައުމޫނު ގޮވާލައްވައިފި

އަމިއްލަ އެދުމާއި ދަހިވެތިކަމުން ދުރުވެ ގައުމު އިސްކުރުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން މިހެން ގޮވާލެއްވީ ރާއްޖޭގެ މިނިވަންކަމަށް މިއަދު 52 ވަނަ އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓްޥީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ހަގީގީ މިނިވަން ކަމަކީ އަމިއްލަ އެދުމާއި ދަހިވެތިކަމުން ދުރުވެ ގައުމު އިސްކުރުން ކަމަށެވެ. އަދި މިއަދު ފާހަގަ ކުރަމުންދާ މިނިވަން ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހިރައްޔިތުންނަށް ދަންނަވާ ކަމަށް ވެސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ މިނިވަންކަމަށް 52 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސަރުކާރުން ދައުވަތު ދެއްވާފައިނުވާކަން ވީނިއުސްއަށް އިނގިފައިވާއިރު، ރައީސް މައުމޫނު މިހާރު ހުންނެވީ ސަރުކާރާއި ދެކޮޅަށް ތެދުވެވަޑައިގެން އިދިކޮޅު ފަރާތްތަކާއި އެކުގައެވެ.
މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ހާއްސަ ރަސްމިއްޔާތަށް އެމަނިކުފާނަށް ދައުވަތު އެރުވި އެވެ. ނަމަވެސް، އެ ރަސްމިއްޔާތަށް ވަޑައިނުގެން އެމަނިކުފާނު ވަނީ ރަަސްމިއްޔާތު ބޮއިކޮޓް ކުރައްވާފަ އެވެ.
ރައީސް މައުމޫނަށް ދައުވަތު އަރުވާފައިނުވާއިރު، މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކަށް ރައީސް ޑރ. މުހައްމަދު ވަހީދަށް ސަރުކާރުން ވަނީ ދައުވަތު އަރުވާފަ އެވެ. އަދި މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދެކަނބަލުންގެ ޝަރަފުގައި ރައީސް އަަބްދުﷲ ޔާމީން ރޭ ދެއްވި ރަސްމީ ޖާފަތުގައި ވެސް ރައީސް ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ