ގާސިމް ބޭސްފަރުވާއަށް އެދުމުން ސަރުކާރުން ކުރަނީ ޖެއްސުން: އިދިކޮޅު ކޯލިޝަން

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ފޮނުވާދޭން އެދިވަޑައިގަތުމުން ސަރުކާރުން ކުރަމުންދަނީ "ޖެއްސުން" ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
 
އިދިކޮޅު އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ގާސިމްގެ ބޭސްފަރުވާއަށް  އިތުރުކޮށްދިން މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. ގާސިމް ރާއްޖެއިން ބޭރަށް ފޮނުވުމަށް އެންމެ ފުރަތަމަ ވެސް ތިން މަސްދުވަސް ދޭން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް ފުރަތަމަވެސް 10 ދުވަސް ދިނުމުން ސަރުކާރުގެ އިހްލާސްތެރިކަން ނެތްކަން ހާމަވާ ކަމަށެވެ.
 
އަދި އޭގެ ފަހުން މުއްދަތު އިތުރުކޮށްދޭން އެދުމުން 10 ދުވަސް އިތުރުކޮށްދިނީ ވެސް ޖެއްސުމަށް ކަމަށް އަމީތު ވިދާޅުވި އެވެ.
 
ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޑޮކްޓަރުގެ ލިޔުންތަކާއެކު ހުށަހެޅުމުންވެސް އެކަން ކޮށްދިނުމަށް ފުރަތަމަ ދެކޮޅު ހެދިކަމަށް ވެސް އަމީތު ފާހަގަ ކުރެއްވި އެވެ. އަދި ތިން މަސްދުވަހު ސިންގަޕޫރުގައި މަޑުކުރެއްވުމަށް ގާސިމް ބެއްލެވި ޑޮކްޓަރުން ލަފާދިނުމުން 10 ދުވަސް ދިނީ އިހްލާސްތެރި ކަމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.
 
" ބަލިމީހަކު ބައްލަވާ ޑޮކްޓަރަކު ބައްލަވާފައި މިހާ މުއްދަތެއް މި ބައްޔަށް ފަރުވާ ކުރުމަށް އެދުނީމަ ކަރެކްޝަންގެ މެޑިކަލް ބޯޑުގައި ތިއްބަވާ ބޭފުޅުން އިއުތިރާޒް ކުރައްވާނެ ތަނެއް އޮންނާނެ ކަމަކަށް މިއީ އިންސާނީ ހަމަ ބުއްދިއަށް ވިސްނޭ ކަމެއް ނޫން. އަޅުގަނޑުމެނަކަށް ނުވިސްނޭ ކޮން ގްރައުންޑަކުން ކަމެއް މިކަމާ ދެކޮޅު  ހައްދަވަނީ،" އަމީތު ވިދާޅުވި އެވެ.
 
ގާސިމާމެދު ސަރުކާރުން ހިތަމުންދަނީ ވަރަށް އިހާނެތިކޮން ކަމަށް ފާހަގަ ކުރައްވައި، އަމީތު އިތުރަށް ވިދާޅުވީ ކޯޓުގެ ހުކުމުގައި ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވުމަށް އަންގާފައިވަނިކޮށް އެކަން ނުކުރަން ސަރުކާރަށް ހުއްޖަތެއް ނުދެއްކޭނެ ކަމަށެވެ. އަދި ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގައި ވެސް ހަމަ ނުޖެހޭ އެތައް ކަމެއް ހުރިއިރު އޭނާއާމެދު ސަރުކާރުން ވެސް އަމަލު ކުރަމުން ދަނީ "ވަރަށް އަނިޔާވެރިކޮން" ކަމަށްވެސް ވިދާޅުވި އެވެ.
 
 
" ގާސިމް އިބްރާހިމާމެދު މި ގޮތަށް އަމަލު ކުރެވެމުންދާއިރު ވަޒީރުން ޓީވީތަކަށް އިންޓަވިއު ދެއްވާފައި އެބަ ވިދާޅުވޭ ވަރަށް އިހްލާސްތެރތިކަމާއި، އިހްސާންތެރިކަމާއެކު ކަމަށް. އިހްލާސްތެރިކަމާއެކު އިހްސާންތެރިކަމާއެކު ކަންކަން ކުރައްވާ އުސޫލަކުން ނޫން ކަންކަން ކުރައްވަނީ،" އޭނާ ވިދާޅުވި އެވެ.
 
މީގެ އިތުރުން ސަރުކާރުން މަސައްކަތްކުރަނީ ސިޔާސީ ގޮތުން ނަސްލެއް ނައްތާލަން ކަމަށްވިދާޅުވެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުންނާމެދު ސަރުކާރުން އަމަލު ކުރަމުންދަނީ ގާނޫނުތަކާ ހިލާފަށް ކަމަށްވެސް ވިދާޅުވި އެވެ.
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ