މެމްބަރު ތޯރިގާއި ސިނާން މާލިއްޔަތު ކޮމެޓީން ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މެމްބަރު އަހުމަދު ތޯރިގާއި މެންބަރު އަބުދުﷲ ސިނާން އެ ކޮމެޓީން ބޭރުކޮށްލައިފި އެވެ.
ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ އެ ކޮމެޓީއަކީ މަޖިލީހުގައި ހިމެނޭ ކޮމެޓީތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއް ކޮމެޓީ އެކެވެ.
މާލިއްޔަތު ކޮމެޓީން މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސިނާން ބޭރުކޮށްލާފައ މިވަނީ ރޯދަމަހުގެ ފަހުދިހައަކަށް މަޖިލިސް މެދުކަނޑާލުމަށްފަހު މިއަދު އަލުން ޖަލްސާތައް ފެށި އިރު ކޮމިޓީތަކަށް ގެނައި ބަދަލަށްފަހު އެވެ. މިއަދުގެ ޖަލްސާގައި ވަނީ ތޯރިގްގެ ބަދަލުގައި ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދު ހަމަޖައްސައި، އަދި އަބުދުﷲ ސިނާންގެ ބަދަލުގައި ޖަމީލް އުސްމާން އެ ކޮމެޓީ އަށް ހަމަޖައްސާފަ އެވެ.
މެންބަރު ތޯރިގާއި ސިނާން އެ ކޮމިޓީން ބޭރުކޮށްލާފައިވާ އިރު މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވެއްދުމަށް 45 މެންބަރުން ސޮއިކުރައްވާފައިވާއިރު، އޭގެ ތެރޭގައި މެންބަރު ތޯރިގާއި ސިނާން ސޮއިކުރައްވާފައިވާކަމަށް މައުލޫމާތު ލިބެ އެވެ. މީގެ އިތުރަށްވެސް މަޖިލީހުގައި ރައީސްޔާމީނަށް ތާއިދުކުރައްވާ އިތުރު 8 މެންބަރަކު ސޮއިކުރައްވާފައިވެ އެވެ.
ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަންގެ ބާރުއޮޮންނަ މާލިއްޔަތު ކޮމިޓީން މެންބަރު ތޯރިގު ބޭރުކުރައްވާފައި ވާއިރު، ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއަށް މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭކަމަށް ވިދާޅުވެ ޝައިނީ މަޤާމުން އިސްތިއުފާދެއްވުމަށްވެސް ތޯރިގް ވަނީ ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ