އައްޑޫގައި އައު އިންޖީނުގެ އަޅަން 30 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް!

އައްޑޫ ސީޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް 30 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް އެހެން ވިދާޅުވެފައި މިއަދު ބޭއްވި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ކޮމެޓީއަށް ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ހާޒިރު ކުރީ އައްޑޫއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލާގައެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ އައްޑޫގައި ވަނީ ހަތަރު ޖަނަރޭޓަރަކަށް އެއްފަހަރާ މައްސަލަ ދިމާވެފައި ކަމަށާއި އެއީ އެފަދަ ގޮތަކަށް މީގެ ކުރިން އެހެން ރަށެއްގެ އިންޖީނުތަކަށް ދިމާވެފައި ނުވާ ކަމަށެވެ. "މިވީހާތަނަށް ނެތް މިކަހަލަ ސިޓްވޭޝަނެއް އައްޑޫ ސިޓީއަށް އައިސްފައެއް. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫޓިލިޓީސް ކުންފުނިތައް ފެނަކައަށް ބަދަލުވިފަހުން އައްޑޫ ސިޓީގައި މިކަހަލަ އެމަޖެންސީ ހާލަތެއް ނެތް އައިސްފައެއް. މިއީ ވަރަށް ރެއާކޮށް ދިމާވެފައި އޮތް ކަމެއް،" އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ހަތަރު އިންޖީނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސް އެ ރަށާ ހަމައަށް ގެނައުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށާއި އެ މައްސަލް ހައްލު ކުރެވެން ދެން ބޭނުންކުރާނެ ޖަނަރޭޓަރު ސެޓްތައް ހިފައިގެން ދަތުރު ކުރަމުންދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ޖަނަރޭޓަރު ސެޓްތައް އިންސްޓޯލްކޮށް ނިމޭނެ ކަމަށެވެ. "އަޅުގަނޑުމެން މިހާރު ވާނީ އައްޑޫއަށް 1.2 މެގަވޯޓްގެ ޖަނަރޭޓަރަކާއި 1 މެގަވޯޓުގެ ޖަނަރޭޓަރެއް މިމަހުގެ އަށް ވަނަ ދުވަހު ފޮނުވާލާފައި،" އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެއްފަހަރާ ހަތަރު އިންޖީނަށް މައްސަލަ ދިމާވީ ސްޓްރަކްޗަރަލް މައްސަލަތަކެއްގެ ސަބަބުންގެ އިތުރުން ކައިރި ކައިރީގައި އިންޖީންތައް ހުރުމުން އެއް އިންޖީނުން އަނެއް އިންޖީނަށް ހޫނު ވުމުގެ ސަބަބުން ކަމަށެވެ. އަދި މައި އިންޖީނުގެ ފިޔަވައި އެހެން އިންޖީނުތައް ހުރީ ޓިނުން ހަދާފައިވާ 'ހަޓެއް'ގެ ތެރޭގައި ވުމުން އިތުރަށް ހޫނުގެ އަސަރުކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އައްޑޫގެ ކަރަންޓަށް ބޮޑު އިންވެސްޓްމެންޓެއް ކުރަން އުޅޭ ކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މިހާރު ހުރި ބައެއް އިންޖީނުތަކާއި އެކު މުޅިން އާ އިންޖީނުގެއެއް އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. "އެ ޕްލޭން ހަދަމުން މިދަނީ. ފައިނޭންޝަލް އިންސިޓިއުޝަން ތަކާ އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުން މިދަނީ. އަޅުގަނޑުމެން ގަބޫލު ކުރަނީ އެކަމަށް 25 ނުވަތަ 30 މިލިއަން ޑޮލަރުގެ އިންވެސްޓެއް ކަމަށް ކުރިއަށް ދާނީ،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ