ރާއްޖޭގެ ޝަރުޢީ ނިޒާމާމެދު ސުވާލު އުފެދޭ ފަދަ ކަންތައްތައް ހިނގަމުންދާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލް އުސްތާޛު މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގުމުގައި ޕީޕީއެމްގެ ރައީސްގެ ބާރާއި ނުފޫޒު އޮންނަން ޖެހޭ މިންވާރާމެދު ބަހުސްކުރެވެމުންދާ ދަނޑިވަޅެއްގައި، އެ ޕާޓީގެ ރައީސް މައުމޫން އެ ޕާޓީގެ ކޮމެޓީތައް ސަސްޕެންޑް ކުރައްވުމުގެ އިތުރުން ޕާޓީގެ ނައިބުރައީސްގެ ބާރުތައް ނަންގަވައި، ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް އެމަނިކުފާނުގެ އަތްޕުޅަށް ޖަމާކުރެއްވުމަށްފަހު، ނޫސްވެރިން ސުވާލުކުރުމުގެ ފުރުޞަތު ނުލިބޭގޮތަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ނިޒާމާމެދު ސުވާލު އުފެދޭ ފަދަ ކަންތައްތައް ހިނގަމުންދާ ކަމަށެވެ. އެހެންނަމަވެސް، އެކަމާބެހޭ ގޮތުން އިތުރު ތަފްސީލެއް އެމަނިކުފާނު ދެއްވާފައެއް ނުވެއެވެ.
ރައީސް މައުމޫން މިރޭ ވިދާޅުވީ ޕީޕީއެމް އުފެއްދީ ނުހަނު މާތް މަޤުޞަދެއްގައި ކަމަށާއި، 2013 ވަނަ އަހަރު ޕީޕީއެމްގެ ވެރިކަމެއް ޤާއިމުކުރެވުމުން މެންބަރުން ތިބީ ފޮނި އުންމީދުތަކެއްގައި ކަމަށެވެ. އެހެންނަމަވެސް، މިހާރަކަށް އައިސް ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ޑިމޮކްރެޓިކް ހަމަތައް ވަނީ ގެއްލިފައި ކަމަށާއި، އެކަން އެހެން ހިނގާފައިވަނީ ޕާޓީގެ ތެރޭގައި ޑިސިޕްލިން ނެތުމުގެ ސަބަބުންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ގުނަވަންތައް ވަނީ ނުކުޅެދިފައި ކަމަށާއި، ސައްޙަ ނޫން ކިތެންމެ ކަމެއް ހިނގަމުން އެބަދާ ކަމަށެވެ. ރައީސް މައުމޫންގެ ވާހަކަފުޅަށް ބަލާއިރު، އެމަނިކުފާނު ޝަރުޢީ ނިޒާމާމެދު ސުވާލު އުފައްދަވާފައި މިވަނީ ބެލެވޭ ގޮތުގައި ޕީޕީއެމްގެ ވެރިކަމެއްގައި ޝަރުޢީ ދާއިރާގެ މައްޗަށް ނުފޫޒު ފޯރުވުން ކުރިޔަށް ދާކަމަށް އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭތީ ކަމަށް ވެދާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ޚިޔާލުފާޅު ކުރަމުންނެވެ.
ރައީސް މައުމޫނަކީ 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމަޔަށް ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ދިގު ވެރިކަމުގައި، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން އިސްލާޙީ އެޖެންޑާތައް ކުރިޔަށް ގެންދަވާފައި ވެއެވެ. އަދި، މިވަގުތު ޕީޕީއެމް ގެ ރައީސް ކަމުގައި ހުންނަވައިގެން އެމަނިކުފާނު މިރޭ ވަނީ ޕީޕީއެމް އިސްލާޙުކުރުމުގެ ހަރަކާތްތަކެއް ފަށާފައިވާ ކަމަށް އިއުލާނުކުރައްވާފައެވެ.
ރާއްޖޭގެ ޝަރުޢީ ނިޒާމާމެދު ސުވާލު އުފެދޭ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ