ހުޅުމާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު ދަށްކުރަން އިލްތިމާސްކޮށްފި

ހުޅުމާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލައާއި ގުޅިގެން އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުޅުުމާލެއިން ކަރަންޓު ކެނޑެމުން ދަނީ ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބައެއް ޖެނެރޭޓަރު އަދި ކަރަންޓު ފޯރުކޮށްދޭ ވިއުގައަށް ދިމާވެފައިވާ މައްސަލައަކާއި ގުޅިގެން ދިމާވާ ކަމެއްގެ ސަބަބުން ކަމަށެވެ. އަދި މި މައްސަލަ ދިމާވެފައިވާ ދަނޑިވަޅަކީ ރާއްޖެއަށް ހޫނުގަދަ ދުވަސް ވަރަކަށްވާތީ ކަރަންޓު އިތުރަށް އުފައްދަން ޖެހޭ ދުވަސް ވަރަަކަށް ވުމުން ސްޓެލްކޯއިން މިހާރު މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.
މި ބަޔާނުގައި ބުނެފައިވަނީ ކަރަންޓް ބޭނުން ކުރާ ވަރު އިތުރުވުމަކީ މިފަދަ ހާލަތެއްގައި ކަރަންޓު އެކަށީގެންވާ ވަރަށް އުފެއްދޭނެ ހާލަތަކަށް ނުވާނެ ކަމަށާއި، ކަރަންޓް ބޭނުންކުރާ ވަރު އިތުރުވާނަމަ އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓު ކެނޑިގެން ގޮސްދާނެ ކަމަށެވެ. އެހެންކަމުން ކަރަންޓް ބޭނުންކުރާ މިންވަރު މިދުވަސްވަރު ވީހާވެސް މަދުކުރުމަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން އެއާކޯން އަދި މަތީ ކަރަންޓް ބޭނުންވާ ތަކެތި ބޭނުން ކުރުމުގައި ވީހާވެސް މަދުން ބޭނުން ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހުޅުމާލެ ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފަކު މީގެ ކުރިން ބުނެފައިވަނީ ހުޅުމާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެނީ ޖަނަރޭޓަރު ތަކަށް ބާރު ބޮޑުވެގެން ކަމަށާއި، އަދި ހުޅުމާލޭގައި ކަރަންޓް ބޭނުން ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީ ޖަނަރޭޓަރު ތަކަށް ދޭތެރެ ދޭތެރެއިން ބާރު ބޮޑުވާކަން ފާހަގަކުރެވޭ ކަމަށެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ސްޓެލްކޯއިން ހުޅުމާލެއަށް ކަރަންޓް ދިނުމަށް ހަތް ޖަނަރޭޓަރެއް ބޭނުން ކުރަމުންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ