ނަސްރުގެ ދުވަސްމަތިން ހަނދާން ނެތިގެންނުވާނެ: މައުމޫން

މީގެ 28 އަހަރުކުރިން 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހިނަށް ލިބުނު މަތިވެރި ނަސްރުގެ މަތިން ހަނދާން ނައްތައިނުލުމަށާއި، އެ ހާދިސާއިން އަބަދުވެސް އިބްރަތް ހާސިލްކުރާ ބަޔަކަށްވުމަށް ދިވެހި ރައްޔިތުންނަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
އެމަނިކްފާނު މިކަމަށް ގޮވާލައްވާފައިވަނީ ރާއްޖެއަށް މީގެ 28 އަހަރުކުރިން ދިވެހިންގެ ބަޔަކާއި ބޭރުގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ގުޅިގެން ދިން ހަމަލާއިން ދިވެހި ގައުމު ސަލާމަތްވިތާ 28 އަހަރު ފުރުން ފާހަގަކުރުމާއި ގުޅޭގޮތުން ވީމީޑިއާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަނދާންތައް ދުވަހަކުވެސް ހިތުން ފިލުވާލައިގެން ނުވާނެކަމަށާ އެދުވަހު މާތްﷲ ދިވެހި ގައުމަށް މިންވަރުކުރެއްވެވި މަތިވެރި ނަސްރަށް އަބަދުވެސް ޝުކުރުވެރިވާންޖެހޭކަމަށެވެ.
އަދި އެ ދުވަހަކީ އެތަކެއް އިބްރަތްތަކެއް ލިބޭނެ ދުވަހެއްކަމަށާ ކޮންމެ ރައްޔިތަކީވެސް އެ ހާދިސާއިން އިބްރަތް ހާސިލްކުރާ މީހަކަށްވާންޖެހޭނެކަމަށެވެ.
"އަޅުގަނޑުމެން ދުނިޔޭގައި ތިބިހާ ދުވަހަކު މި ދުވަސްމަތިން ހަނދާން ނައްތަލައިގެން ނުވާނެ. މާތްﷲ އެދުވަހު އެދެއްވި މަތިވެރި ނަސްރު. އަބަދުވެސް އެކަމަށް ޝުކުރުވެރިވާ ބަޔަކަށް ވާންޖެހޭނެ." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވީމީޑިއާއަށް ދެއްވި މި ބަސްދީގަތުމަކީ އެމަނިކްފާނު މިހާތަނަށް ނޮވެންބަރު މަހުގެ 3 ވަނަ ދުވަހާއި ގުޅޭގޮތުން ދެއްވި އެންމެ ތަފްސީލް ބަސްދީގަތުމެވެ.
މި ބަސްދީގަތުމުގައި އެދުވަހު އެމަނިކްފާނު އަމަލްކުރެއްވިގޮތާއި، ރާއްޖެ ބާއީންގެ އަތްދަށުން ސަލާމަތްވި ގޮތް ވަނީ ވިދާޅުވެދެއްވާފައެވެ.
މި ބަސްދީގަތުން މިރޭ 10:00ގައި ވީޓީވީއާއި ވީއެފްއެމްއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ