މޫސުން ގޯސްވުމުގެ ސަބަބުން އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރަން ނިންމައިފި

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާފަންނު ސްޓޭޑިއަމްގައި މާދަމާ ކުރަން ނިންމާފައިވާ އަޟްހާ އީދު ނަމާދު ކެންސަލް ކޮށްފި އެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ކެންސަލްކޮށްފައިވަނީ މިއަދު ހުއްޓާ ނުލާ މާލެއަށް ވާރޭ ވެހެމުން ދަނިކޮށް މިރޭ ވަރަށް ދަންވި ފަހުންނެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށްޓަކައި އެ އިންތިޒާމު ހަމަޖެއްސުމުގެ ކަންތަކުގައި ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ މާފަންނު ސްޓޭޑިއަމްގައި އީދު ނަމާދު ކުރުން ކެންސަލް ކުރީ ވަރަށް ދަންވަންދެން މިރޭ ބެލުމަށްފަހު މޫސުން ރަނގަޅުވެފައިނުވާތީ އާއި ވިއްސާރަ އާއި ގުޅިގެން އެ ސަރަހައްދު ތައްޔާރު ކުރުމުގައި ދިމާވެގެން ކަމަށެވެ.
މާފަންނު ސްޓޭޑިއަމްގައި އީދު ނަމާދު ނުކުރި ކަމުގައިވިޔަސް އިސްލާމީ މަރުކަޒުގަ އާއި މާލޭގެ އެހެން މިސްކިތްތަކުގައި އީދު ނަމާދުކުރުން ކުރިން ރޭވިފައިވާ ގޮތަށް ކުރިއަށް ދާނެ އެވެ.
މާފަންނު ސްޓޭޑިއަމްގައި އީދު ނަމާދު ކުރުން އަހަރުތަކަކަށް ދެމިގެން ގޮސްފައިވާއިރު މީގެކުރިން އެސަރަހައްދުގައި ބޭއްވި ނަމާދުތަކުގައި އެތައް ހާސް ރައްޔިތުންނެއް ބައިވެރިވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ