ގްރެނާޑާގެ މައްޗަށް ކުރި ހޯދާ ރެއާލް މެޑްރިޑް ލީގުގެ އެއްވަނައަށް

0-2 ގެ ނަތީޖާއަކުން ގްރެނާޑާގެ މައްޗަށް ކުރި ހޯދާ ރެއާލް މެޑްރިޑް ލަލީގާގެ އެއްވަނަ މަގާމަށް އަރައިފިއެވެ.
ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި އޮތީ 53 ޕޮއިންޓާއެކީގައެވެ. އެހެންނަމަވެސް މިރޭ ބާސެލޯނާއާއި މަލާގާ ބައްދަލުކުރާ މެޗުން ބާސެލޯނާ މޮޅުވެއްޖެނަމަ ލީގުގެ އެއްވަނަ މަގާމް އަލުން އެޓީމަށް ލިބޭނެއެވެ.
މި މެޗުން ބަލިވި ގްރެނާޑާ އޮތީ 24 ޕޮއިންޓާއެކީ ލީގުގެ 11 ވަނައިގައެވެ. މި މެޗް ފެށުމުގެ ކުރިން މި މަހުގެ 13 ވަނަ ދުވަހު ފީފާއިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލެންޑޯ އެވޯޑް ލިބުނު ރެއާލް މެޑްރިޑްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާއަށް ލިބުނު ޓްރޮފީ އެ ކްލަބުގެ ސަޕޯޓަރުންނަށް ފުރަތަމަ ފަހަރަށް ދައްކާލާފައެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 56 ވަނަ މިނެޓްގައި އެޓީމުގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.މިއީ ރޮނާލްޑޯ ލީގުގައި ކާމިޔާބުކުރި 22 ވަނަ ގޯލެވެ.
މާސެލޯ ދިން ޕާހަކުން ރެއާލްގެ ދެވަނަ ގޯލް މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާއެވެ.
މިއީ ރެއާލް މެޑްރިޑްގެ ތާރީހުގައި ޖެހިޖެހިގެން ބައިކޮޅަށް ގޯލެއް ނުވަދެ 7 މެޗް ހަމަކުރި ފުރަތަމަ ފަހަރުކަންވެސް ފާހަނގަކޮށްލަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ