ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ޔޫއޭއީއަށް ނުދާ ކަމަށް އެ ގައުމުން ބުނެފި

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިއްރުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީ އަށް ވަޑައިގެންވި ކަމަށް އޭނާގެ އޮފީހުން ބުނި ބުނުން ޔޫއޭއީ އިން ދޮގުކޮށްފިއެވެ. ދައުލަތުގެ ނޫސް އެޖެންސީ ޑަބްލިއުއޭއެމް އިން ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ޔޫއޭއީން ބުނީ އިސްރާއީލާއެކު އޮންނަ ގުޅުން ސިއްރެއް ނޫން ކަމަށާއި އެއީ މަޝްހޫރު އަދި އާންމުކޮށް އިއުލާންކޮށްފައިވާ އަބްރަހަމް އެއްބަސްވުންތަކުގެ ތެރެއިން ގާއިމްކޮށްފައިވާ ގުޅުންތަކެއް ކަމަށެވެ. އެހެންވެ ސިއްރުގައި ޔޫއޭއީއަށް ނަތަންޔާހޫ ޒިޔާރަތްކުރެއްވި ކަމަށް ދެކެވޭ ވާހަކަތަކަކީ ޔޫއޭއީގެ ކަމާބެހޭ ރަސްމީ އިދާރާތަކުން ދިން މައުލޫމާތެއްގެ މައްޗަށް ދައްކާވާ ވާހަކައެއް ނޫން ކަމަށެވެ. އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް އެ ބަޔާނުގައިވެއެވެ. ޔޫއޭއީ އިން އެގޮތަށް ބުނެފައި ވަނީ އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި "ސިއްރު ދަތުރެއްގައި" ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ނަތަންޔާހޫ ބައްދަލުކުރެއްވި ކަމަށް ނަތަންޔާހޫގެ އޮފީހުން ހާމަކުރުމާ ގުޅިގެންނެވެ. އެ އޮފީހުން ވަނީ އެއީ ދެގައުމުގެ ގުޅުމަށް ލިބުނު "ތާރީހީ ކުރިއެރުމެއް" ކަމަށް ބުނެ ތައުރީފުކޮށްފައެވެ. ހަނގުރާމައިގައި އީރާނުން ދިން ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އިސްރާއީލުން އަޔަން ޑޯމްއާއި އެއާ ޑިފެންސް ބެޓްރީތަކާއި މުވައްޒަފުން ޔޫެއޭއީ ފޮނުވާފައިވާ ކަމަށްވެސް އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވަނީ ވިދާޅުވެފައެވެ. މި މަހުގެ ފަސް ވަނަ ދުވަހު އީރާނުން ޔޫއޭއީއަށް ހަމަލާ ދިނުމާ ގުޅިގެން ޝައިޚް މުހައްމަދު ބިން ޒައިދަށް ގުޅުއްވި ގައުމުތަކުގެ ލީޑަރުންގެ ތެރޭގައި ނަތަންޔާހޫވެސް ހިމެނިވަޑައިގަންނަވައެވެ. އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ގައި އީރާނަށް ދިން ހަމަލާތަކުގައި ރައްދުގައި އީރާނުން ވަނީ ޔޫއޭއީ އާއި އެހެން އަރަބި ގައުމުތަކަށް އީރާނުގެ މިސައިލް އަދި ޑްރޯން ހަމަލާތައް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ