ރައީސް ސާލިހުގެ ސަރުކާރަށް 32ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުން ކުރެވޭ އެއްވެސް ކަމެއް ނެތް: މެމްބަރު ޝިޔާމް

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް 32ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކޮށްދެއްވާފައިވަނިކޮށް ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަނީ ކޮންކަމެއްތޯ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު އުފައްދަވައިފިއެވެ. ޕެންޝަނާ ބެހޭ ގާނޫނަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވާފައިވާ އިސްލާހާ ގުޅޭ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ މަޖިލިހުގައި ސުޕަމެޖޯރިޓީ ވަކި ބަޔަކަށް އޮތީމާ ފެނިގެންދަނީ ވަކި ދާއިރާތަކެއްގެ ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގަތުމުގެ މަސައްކަތް ކުރައްވާ މަންޒަރުކަމަށެވެ. އެގޮތުން ޖާބިރު ހުށަހެޅުއްވި އިސްލާހަށް މަޖިލީހުގައި ބަހުސް ކުރައްވާއިރު އެ ދާއިރާގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަކީ ވާނޭ ކަމެއްނޫން ކަން ދެއްކުމަށްޓަކައި މަޖިލިހުގެ މެޖޯރިޓީން މަސައްކަތް ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ދާއިރާގެ ރައްޔިތުންގެ ހައްގުގައި މިފަދަ ބިލަކާ ދޭތެރޭ ބަހުސް ކުރެވި ދާއިރާގެ ރައްޔިތުންނާއި މުޅި ރައްޔިތުންގެ އަޑު އުފުލުމުގެ ހައްގަކީ ކޮންމެ މެމްބަރަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނާ ގުޅިފައި ހުންނަ މިފަދަ މުހިންމު ބިލްތަކާ ގުޅޭގޮތުން ބަހުސް ކުރާއިރު އަބަދުވެސް މަޖިލިހުގެ ތަޅުމުން އަޑު އިވިގެންދަނީ ދައުލަތުގެ އާމްދަނީ އިތުރުނުވާ ވާހަކަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން މިއަދުވެސް ދައުލަތުގެ ބަޖެޓް އިތުރުކޮށްދެއްވަން ޖެހިވަޑައިގަންނަވަނީ ރައީސް ޔާމީންތޯ ވިދާޅުވެ މެމްބަރު ޝިޔާމް ވަނީ މަޖިލިހުގެ ސުޕަ މެޖޯރިޓީއާއި ސުވާލު ކުރިމަތިކުރުވާފައެވެ. އާމްދަނީ އިތުރުކުރަން ނޭގޭ ސަރުކާރަކާއި ކެބިނެޓެއް އޮތީތީ މިއަދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރު ނިމުނުއިރުގައި ދިވެހި ރާއްޖޭގެ މަރުކަޒީ ބެންކުގެ ރިޕޯޓުތަކުން ކުރީ ސަރުކާރުގެ ކަންތައްތައް ހިނގައިގެންދިޔަ ގޮތް ވަރަށް ސާފުކޮށް ފެންނަށް އޮންނާނެކަމަށެވެ. އެގޮތުން ފާއިސާ އިތުރުކުރުމަށްޓަކައި ކުރި މަސައްކަތްތަކާއި ދިވެހި ރާއްޖޭގެ ރައްޔިތުން ދުވަހަކުވެސް ނުދެކޭފަދަ ބޮޑެތި މަޝްރޫޢުތަށް ހިންގަމުން އަދި ރައްޔިތުންނަށް އަސާސީ ޙިދުމަތްތަކެއް ފުއްދައިދިން ސަރުކާރެއް ފެނިގެން ހިނގައްޖެކަމަށް ޝިޔާމް ވިދާޅުވިއެވެ. މި އިސްލާހަށް މަޖިލީހުގައި ބަހުސް ކޮށްފައިވާއިރު ޖާބިރަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު ތާއީދުކޮށްފައެއްނުވެެއެވެ. އެމްޑީޕީ މެމްބަރުން މަޖިލީހުގައި ވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ މި އިސްލާހު މެމްބަރު ޖާބިރު ހުށައަޅުއްވާފައިވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ކަމަށާއި މިއީ ބަޖެޓަށް ބުރަ ކުރުމަށާއި އަދި މަސައްކަތް ކުރުމަށް ދަތިވާ ގޮތަށް ފަރުމާ ކުރެވުނު އިސްލާހެއް ކަމަށް ވިދާޅުވެ އެމްޑީޕީ މެމްބަރުން ވަނީ ޖާބިރަށް ފާޑުވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ