ޕީޕީއެމް ފިޔަވައި އެހެން އެއްވެސް ސިޔާސީ ޕާޓީއަކާ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ގުޅިވަޑައިގަތުމަށް ގަސްދުނުކުރައްވާ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.
އެ ޕާޓީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ރައީސް އަލްއުސްތާާދު މައުމޫން އަބްދުލްގައްޔޫމް މި ޕާޓީ ދޫކުރައްވާ އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް" ކަމަށެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޖެނުއަރީ، 2012 އަހަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް، ޕީޕީއެމްގެ ރައީސްގެ ގޮތުގައި އެ ޕާޓީގެ ކޮންގްރެސްގެ ތަނަވަސް އަގުލަބިއްޔަތުން އިންތިހާބު ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.
"އެހެންކަމުން މި ޕާޓީގެ ރައީސް އަލްއުސްތާާދު މައުމޫން އަބްދުލްގައްޔޫމް، މިޕާޓީ ދޫކުރައްވާ، އެހެން އެއްވެސް ޕާޓީއަކާ ނުވަތަ އެހެން ޕާޓީއެއްގެ އެއްވެސް މަގާމަކަށް ވަޑައިގެންނެވުމުގެ ވިސްނުންފުޅު އެމަނިކުފާނު ނުގެންގުޅުއްވާކަމުގެ ޔަގީންކަން މިޕާޓީގެ ލޮބުވެތި ހުރިހާ މެމްބަރުންނަށް އަރުވަމެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
ޕީޕީއެމް ކުރިއަރައި ދަނީ "ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވާ ޕާޓީއަކަށްވުން" ކަމަށާއި އެ ޕާޓީގެ ބަދަހިކަން އިތުރުވެގެންދާ ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.
ރައީސް މައުމޫން ޕީޕީއެމް ފިޔަވައި އެހެން ޕާޓީއަކާ ނުގުޅޭނެ ކަމަށް އެ ޕާޓީ އިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ