"ދިވެހިންގެ ބިން ދިވެހިންނަށް" ހޯއްދަވައި ދެއްވަން ވައުދު ވަމުން ގާސިމް ކެމްޕޭން ފައްޓަވައިފި

"ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ މާމިގިލީ ދާއިރާގެ ކެމްޕޭން ފައްޓަވާ، އެމަނިކުފާނުގެ ތާއީދާއި އެކު މަޖިލިހަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް މިޝިއާރު ބޭނުން ކުރެއްވުމަށް އެމަނިކުފާނު މިރޭ އެދިވަޑައިގެންފި އެވެ.
މާމިގިލީގައި މިހާރު ކުރިއަށްދާ ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ޖޭޕީ މެންބަރުންނާއި އެމަނިކުފާނު އެންޑޯސް ކޮށްފައިވާ ކެންޑިޑޭޓުން ވެސް މިޝިއާރު ބޭނުން ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑާއި ޖުމްހޫރީ ޕާޓީން ޓިކެޓް ދީފައިވާ ހުރިހާ ބޭފުޅުންނާއި. އަޅުގަނޑުމެން ތާއީދުކޮށްފައިވާ ހުރިހާ ބޭފުޅުންނާއި. އަޅުގަނޑުމެން އެންޑޯސްކޮށްދީފައިވާ ހުރިހާ ބޭފުޅުން އަޅުގަނޑު އެދެން މި ސްލޯގަން ބޭނުން ކުރައްވައިގެން މި މަގުސަދުތައް ހާސިލު ކުރުމަށްޓަކައި މަސައްކަތް ކުރުމަށް. އާދެ އެއީ ދިވެހިންގެ ބިން ދިވެހިންނަށް." ގާސިމް ވިދާޅުވި އެވެ.
ކެމްޕެއިންގައި ބޭނުން ކުރާނެ ލަވައަކީ "ދިވެހި ބިން މިއީ އުފަން މަގޭ ބިން" މި ލަވަ އެވެ.
ގާސިމް ވިދާޅުވީ ޖޭޕީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ޕާޓީތަކުން ޝިއާރާއި ލަވަ ބޭނުން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން އެ ސަބަބަށްޓަކައި މަޖިލިހަށް ކުރިމަތިލައިގެން މިތިބީ. މި މަތިވެރި އަޒުމްގައި އަޅުގަނޑުމެން ކުރިމަތިލަނީ" ގާސިމް ވިދާޅުވިއެވެ.
"ދިވެހިންގެ ބިން ދިވެހިންނަށް" ޝިއާރުގެ ދަށުން ގާސިމް މިރޭ ކެމްޕޭން ފެއްޓެވިއިރު އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލާ ދިވެހިންގެ އަޑު ވަނީ ވަރަށް ގަދަވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރިކަމަށް ބުނޭ ދެ ހެލިކޮޕްޓަރު ބަލަހައްޓަން އިންޑިއާގެ 60 ވަރަކަށް ސިފައިން ރާއްޖޭގައި އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ