ތިނަދޫ އަށް ދާއިމީ ކަރަންޓް ދެވޭނީ ހޮނިހިރު ދުވަހު

(ގދ.ތިނަދޫ) އިންޖީނުގޭގައި ރޯވުމުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ގދ.ތިނަދޫއަށް ދާއިމީ ގޮތުން ކަރަންޓު ފޯރުކޮށްދެވޭނީ ހޮނިހިރު ދުވަހު ކަމަށް ފެނަކަ ތިނަދޫ ބްރާންޗުގެ ޓެކްނިކަލް މެނޭޖަރު މުސްތަފާ ވިދާޅުވެއްޖެ އެވެ.
ކަމާ ބެހޭ މުއައްސަސާތައް ގުޅިގެން ތިނަދޫގައި އުފައްދާފައިވާ އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރ ގެ ފަރާތުން މިއަދު އެރަށު ކައުންސިލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ ސްޓެލްކޯގެ ފަރާތުން ފޮނުވާ އެއް މެގަވޯޓުގެ ދެ އިންޖީނު މިހާރު ތިނަދޫއަށް ފޮނުވާލާފައިވާ ކަމަށާއި އެ އިންޖީނު ގެންނަ ބޯޓުވީ ތ. އަތޮޅާ ހިސާބުގައި ކަމަށެވެ. އަދި މާދަމާގެ މެންދުރުގެ ވަގުތެއްގައި އެ އިންޖީނު ތިނަދޫއަށް އަންނާނެ ކަމަށާއި އިންޖީނުގެއަށް ގެންދެވޭތާ 12 ގަޑި އިރު ތެރޭގައި ރަށަށް ކަރަންޓު ފޯރުކޮށްދެވޭ ވަރު ވާނެ ކަމަށެވެ.
"މާލެ އިން ފޮނުވާ ދެ އިންޖީނު މިހާރުވީ ކަނޑުމަތީގަ ތ.އަތޮޅާ ހިސާބުގަ. އެ ދެއިންޖީނު ވެސް މާދަމާ މެންދުރުގެ ފަހުގެ ވަގުތެއްގައި މިހިސާބަށް ފޯރާނެ. އެއީ އެއް މެގަވޯޓުގެ ދެ އިންޖީނު. އެއީ މިވަގުތުވެސް ރަނިން ކޮންޑިޝަންގައި ހުރި ދެ އިންޖީނު،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށުގެ އިންޖީނުގެއާ ހަމައަށް ގެންދެވޭތާ ގާތްގަނޑަކަށް 12 ގަޑި އިރު ތެރޭ މުޅި ރަށަށް ދާއިމީ ގޮތެއްގައި ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ