ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލު ގާނޫނަކަށް ވިޔަސް އަމަލެއް ނުކުރާނަން: އިއްތިހާދު

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލަކުން އިދިކޮޅު އިއްތިހާދުގެ ހަރަކާތްތައް ހުއްޓުމަކަށް ނާންނާނެ ކަމަށާއި ހިޔާލުފާޅުކުރުން ހުއްޓުވާ ބިލު ގާނޫނަކަށް ވިޔަސް އެއަށް އަމަލު ނުކުރާނެ ކަމަށް އިއްތިހާދުން މިއަދު ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ އެންވަޔަރުމެންޓް، ވޭސްޓްމެނޭޖްމަންޓް އެންޑް ކްލީން އެނާޖީ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ފާސްކުރި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށެވެ.
އަސްލަމް ވިދާޅުވީ އިއްޔެ ފާސްކުރި ބިލަކީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފާސްކުރި ބިލެއް ނޫން ކަމަށާއި މަޖިލީހުން ފާސްކުރި ބިލު ގާނޫނަކަށް ވިޔަސް އިދިކޮޅު އިއްތިހާދަށް މަސައްކަތް ކުރެވޭނެ ގޮތްތަކެއް އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.
"އިދިކޮޅު އިއްތިހާދުގެ އެއްވެސް ހަރަކާތަކަށް، އިއްތިހާދުގެ އެއްވެސް ކަމަކަށް ބަދަލެއް ނުގެންނާނަން. ގާނޫނުއަސާސީއާ އެއްގޮތަށް ހެދުނު ބިލެއް ކަމަކަށް ބަލައެއް ނުގަންނަން،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި، ހިޔާލުފާޅުކުރުން ހަނިކުރާ ބިލު ގާނޫނު އަސާސީއާ ހިލާފަށް އޮތުމުން އިއްތިހާދުން ދެކެނީ އެއީ ބާތިލް އެއްޗެއްގެ ގޮތުގައި ކަމަށެވެ. އަދި ގާނޫނުއަސާސީގެ ތަރަހައިގެ ތެރޭގައި ނެތް ނަމަ ގާނޫނަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުން ވަނީ ސަރުކާރުގެ އިސްވެރިންގެ ހިޔާނާތުގެ ވާހަކަ ދައްކަން ޖެހިއްޖެނަމަ، އެ ވާހަކައެއް ވެސް ދައްކަން ތައްޔާރަށް ތިބިކަން ހާމަކޮށްފަ އެވެ. އަދި ބިލު ފާސްކޮށް ތަސްދީގު ކުރިޔަސް، ފަހަތަށް ނުޖެހި، ސާބިތުކަމާއެކު ތިބޭނެ ކަމަށް އިއްތިހާދުން ވަނީ ބުނެފަ އެވެ.
އިއްތިހާދުން ވަނީ އަންނަ ހުކުރު ދުވަހުގެރޭ ބޮޑު ޖަލްސާއެއް މާލޭގައި ބޭއްވުމަށް ނިންމައިފަ އެވެ. އަދި ހއ.ދިއްދޫގައި އެ އިއްތިހާދުގެ ޖަލްސާއެއް މާދަމާރޭ އޮންނާނެ އެވެ.
އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހެދި ބިލުގައި ނޫސްވެރިންގެ އިތުރުން އާންމު ރައްޔިތުން ވެސް މީހެއްގެ އަބުރާ ބެހިގެން ނުވަތަ އިސްލާމް ދީނާ ދެކޮޅަށް ހިޔާލުފާޅުކޮށްގެންނާއި ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ހިޔާލުފާޅުކޮށްގެންނާއި އާންމު ނިޒާމާ ހިލާފު ހިޔާލެއް ފާޅުކޮށްފި ނަމަ ވަރަށް ފަސޭހައިން ކުށްވެރިވުމުގެ ފުރުސަތު އެބައޮތެވެ.
ބިލްގައިވާ ގޮތުން، މީޑިއާ ފިޔަވައި އެހެނިހެން މީހުންގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި ނަމަ، އެ މައްސަލައެއް ތަހުގީގުކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން ޖެހޭނެ އެވެ. އާންމު ނިޒާމާ ހިލާފު ހިޔާލުފާޅުކޮށްގެން 25،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.
މީގެ އިތުރުން އަބުރާ ބެހިގެންނާއި ގައުމީ ސަލާމަތަށް ނުރައްކާވާ ހިޔާލުފާޅުކޮށްގެން 25،000ރ. އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ޖިނާއީ ދައުވާއެއްކޮށް ތިން މަހާއި ހަމަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. އިސްލާމް ދީނުގެ އަސްލަކާ ހިލާފު ހިޔާލުފާޅުކުރި މީހަކާ މެދު ފިޔަވަޅު އަޅާނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ