ސްޓެލްކޯއިން އިންޖީނުގެ ބޮޑުކުރަނީ ގާނޫނާ ހިލާފަށް: ނަޝީދު

މާލެ އިންޖީނުގެ މިހާރު ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މުސީބާތަކަށްވެފައި ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ހުރި ސްޓެލްކޯގެ ބައެއް ޖަނަރޭޓަރުތަކުގެ ސަބަބުން ގެއްލުން ލިބެމުންދާތީ އެ ސަރަހައްދުގެ ބައެެއް އާއިލާތަކުން މަޖިލީހަށް ކޯޓަށްވެސް މައްސަލަ ހުށައަޅާފައިވަނިކޮށެވެ.
ނަޝީދު ވިދާޅުވީ ސިއްހީ ގޮތުންނާއި އެހެން ހުރިހާ ގޮތަކުންވެސް މާލެ އިންޖީނުގެ މިހާރު ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މުސީބާތަކަށްވެފައި ކަމަށެވެ. އަދި ސްޓެލްކޯ އިން އިންޖީނުގެ ބޮޑުކުރަމުން ގެންދަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށްވެސް ވިދާޅުވިއެވެ.
ސްޓެލްކޯގެ ސަބަބުން ދިމާވެފައިވާ ކަންކަމަށް ހައްލެއް ނުގެނެސް އެހެން އެެއްވެސް ކަމެއް އެ ކުންފުނިން ކުރުމަކީ ކުރެވޭ ކުށެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދުގެ މި ޓްވީޓް އެމަނިކުފާނު ވަނީ މިނިސްޓަރު ޝައުނާ އާއި ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީއަށްވެސް ޓެގް ކުރައްވާފައެވެ.
އާންމު ފަރާތަކުން ސްޓެލްކޯއާ ދެކޮޅަށް ކޯޓަށް ހުށައެޅި މައްސަލާގައި އެދިފައިވަނީ ސްޓެލްކޯގެ ޖަނަރޭޓަރުތައް ނުވަތަ އެ މީހުން އެހެން ސަރަހައްދަކަށް ބަދަލުކުރުމާ އެކު އެ މީހުންނަށް ލިބެމުންދާ ގެއްލުމަށް ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ސްޓެލްކޯގެ ޖަނަރޭޓަރުތަކުގެ މައްސަލަ މީގެ ކުރިން ވަނީ ޔުޓިލިޓީ އޮތޯރިޓީ، އެޗްއާރްސީއެމް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ. މަޖިލީހުގެ ޖޮއިންޓް ކޮމިޓީ އަކުން މިހާރު ގެންދަނީ މައްސަލަ ބަލަމުންނެވެ.
މައްސަލަ ބެލުމަށްފަހު އެޗްއާރްސީއެމުން ވަނީ ސްޓެލްކޯގެ ޖަނަރޭޓަރުތައް ބަހައްޓާފައި ހުންނަ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީގޮތުން އެކަށީގެންވާ މާހައުލެއް އެ ސަރަހައްދުގައި ނެތް ކަމަށް ނިންމާފަ އެވެ. އެހެންވެ އެޗްއާރްސީއެމްގެ ނިންމުމުގައި ވަނީ ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ދެވިދާނެ ކަމަށްވެސް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅި ފަރާތަށް އަންގާފަ އެވެ.
މާލޭގައި ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ ސަރަހައްދު
ސްޓެލްކޯގެ ޖަނަރޭޓަރުތަކުގެ މައްސަލާގައި އެކުންފުނިން މިހާތަނަށް ބުނީ މާލެ-ހުޅުމާލެ ކަރަންޓް ވިއުގަ ގުޅާލައި ހިދުމަތް ދޭން ފެށުމުން މާލޭގައި ހުރި ބައެއް ޖަނަރޭޓަރުތައް ނިއްވާލާނެ ކަމަށެވެ. ނަމަވެސް އެކަން ކުރަން ފަށާނެ ވަކި ދުވަހެއް ބުނެފައެއް ނުވެ އެވެ.
އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި އުސޫލުތަކުގައިވާ ގޮތުން އިންޖީނުގެ ހުންނަންވާނީ އެ ތަންތަނުން އަރާ ދުމުން އާންމުންނަށް އުނދަގޫ ނުވާނެ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދާ މަދުވެގެން 200 ފޫޓު ދުރުގަ އެވެ.
ސްޓެލްކޯގެ ޖަނަރޭޓަރުތައް ހުރި ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނާ ގޮތުގައި ޖަނަރޭޓަރުތަކުން އަރާ ދުމުގެ ސަބަބުން އެ ސަރަހައްދުގެ ވައި ތަޣައްޔަރުވެ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ސިއްހީ ތަފާތު މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. އަދި ޖަނަރޭޓަރުތަކުގެ ދުންހޮޅިތަކުން އަރާ ވިހަ ދުމުގެ ސަބަބުން އަބަދު ތިބެންޖެހެނީ ގޭގެ ދޮރުފަތްތައް ލައްޕައިގެންނެވެ. މީގެއިތުރުން ޖަނަރޭޓަރުތަކުން އުފައްދާ ވައިބްރޭޝަންގެ ސަބަބުން އިމާރާތުގެ ފާރުތަކުގައި ރެނދުލައި ގޭގައި ޖަހާފައި ހުންނަ ތަށިމުށި ތަކަށް ދަނީ ގެއްލުން ލިބެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ